އެންމެ މޮޅު އެކްޓަރަކަށް ރަންވީރް، އެކްޓްރެސް އަކަށް އާލިއާ!

އާލިއާ އަދި ރަންވީރް އެވޯޑާ އެކު...

ބޮލީވުޑްގައި މަސައްކަތް ކުރާ އަދި އުފައްދާ ފިލްމު ތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ސްޓާ ސްކްރީން އެވޯޑް މިއަހަރުވެސް ބާއްވައިފިއެވެ.

އެ އެވޯޑް މިދިޔަ އާދިއްތަ ދުވަހު މުމްބާއީގައި ބޭއްވި އިރު އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ، ފިލްމު "ޕަދްމާވަތު" އިން ރަންވީރް ސިންގް އެވެ. އަދި އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވުނީ، ފިލްމު "ރާޒީ" އިން އާލިއާ ބަޓްއެވެ.

އެ އެވޯޑު ހަފްލާގައި ބޮލީވުޑަށް އަލަށް ތައާރަފްވި ތަރިންގެ ތެރެއިން އެވޯޑް އުފުލާލީ، ފިލްމު "ބިޔޮންޑް ދަ ކުލައުޑް" އަދި "ދަޅަކް" އިން އިޝާން ކައްޓަރެވެ. އަދި ފިލްމު "ޕަޓާކާ" އިން ރާދިކާ މަދަން އެވެ.

މިފަހަރުގެ އެވޯޑުގައި އެންމެ މޮޅު ފިލްމަކަށް ހޮވުނީ ބިރުވެރި މަޖާ ފިލްމު "ސްޓްރީ" އެވެ.

މިއަހަރުގެ އެވޯޑު ހަފްލާގައި އެވޯޑްތައް ދިން ގޮތާމެދު ހުރިހާ ތަރިންވެސް ތިބީ ހިތްހަމަޖެހިގެން ކަމަށް ހަބަރުތައް ލިބެއެވެ.

މިދިޔަ އަހަރު ބޭއްވި އެވޯޑުގައި އެންމެ މޮޅު އެކްޓަރަކަށް އިރުފާން ހާން ހޮވުނު އިރު އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވުނީ ވިދްޔާ ބާލަން އެވެ.

comment ކޮމެންޓް