އައްޑޫގެ ގުޅިފައިވާ ރަށްރަށަށް ބެޓެރީ ސްޓޯރޭޖް ސިސްޓަމެއް

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: އެންވަޔަރަމެންޓް

ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި ކަރަންޓުގެ އަގު އަތްފޯރާފަށަށް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ދަށުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އެއް މެގަވޮޓުގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމަކާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް ޖަޕާނުގެ ނިޝިޒަވާ ލިމިޓެޑާއެކީ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓްރިގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. ނިޝިޒަވާ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން ބްރާންޗް މެނޭޖަރ ސުމިއޯ ފުޖިއޯކާ އެވެ.

މި މަޝްރޫޢުއަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ޖަޕާނު ސަރުކާރުގެ ފަރާތުން ހިންގާ ޖަޕާން ފަންޑް ފޮރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) އިންނެވެ.

އެނާޖީ މިނިސްޓްރީން ބުނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕީކް ލޯޑް އަކީ މިހާރު 5.8 މެގަވޯޓު ކަމަށައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެކި ސައިޒުގެ 14 ޑީސަލް ޖެނަރޭޓަރު އަދި 1.6 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކޮށް ބޭނުން ކުރެވެމުންދާ ކަމަށެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މިހާރު ޤާއިމުކުރެވިފައިވާ 1.6 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމާއި ބެޓެރީ ސްޓޯރޭޖް ސިސްޓަމް އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ގުޅުވާލެވުމުން ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރުގެ މުޅި ޖުމްލަ 12.5 އިންސައްތަ ދަށްވެގެންދާނެކަމަށެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕަވާ ސިސްޓަމަކީ ތަފާތު ސައިޒުތަކުގެ ޖެނެރޭޓަރާއި އެކި ސައިޒުތަކުގެ ޑިސްޓްރިބިއުޝަން ކޭބަލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ފޯރުކޮށްދެމުންދާ ނިޒާމެއްކަމުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވޭ ބެޓެރީ ސްޓޯރޭޖް ސިސްޓަމާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމުގެ ސަބަބުން މި މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ސިސްޓަމުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕަވާ ސިސްޓަމަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށާއި ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު އަށް ޕަސެންޓު ދަށްވެގެންދާނެކަމަށް ވެސް އެނާޖީ މިނިސްޓްރީ އިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ބެޓެރީ ސްޓޯރޭޖް ޓެކްނޮލޮޖީ އާއި އެނަރޖީ މެނޭޖްމަންޓްގެ ދާއިރާއިން އައްޑޫ ސިޓީގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދޭން މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ.

މިއަދު އެގްރިމެންޓު ކުރެވުނު މަސައްކަތުގެ ޖުމްލަ އަގަކީ 4,075,016 ރުފިޔާއެވެ. މި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެނާޖީ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް