ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަނީ

ސަލްޓަން ޕާކު ތެރޭގައި މީގެ އެތަށް ޒަމާނެއް ކުރިން ހަދާފައި ހުރި ކަޅު ވަކަރު މިސްކިތް --

ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހެރިޓޭޖު މިނިސްޓްރީ އިން ނިންމައިފިއެވެ.

އެ މިނިސްޓްރީން ނިންމާފައިވަނީ މިކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މާދަމާރޭ ރަސްރަނި ބަގީޗާގައި ފޯރަމެއް ބޭއްވުމަށެވެ. ހެރިޓޭޖު މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލު ގުޅީގެން ބާއްވާ މި ފޯރަމް އޮންނާނީ މާދަމާރޭ 20:45 ގައި ރަސްރަނި ބަގީޗާގައެވެ.

ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެެއްތަނަށް ބަދަލުކުރެވޭނެހެން ހަދާފައިވާ އިމާރާތެކެވެ. ރާއްޖޭގަައި ހުރި އެންމެ ޒަމާންވީ އެއް މިސްކިތް މީގެ ކުރިން ހުރީ ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެންނެވެ. އެމިސްކިތް ރޫޅާލާފައިވަނީ ސަލްޓަން ޕާކު ތަރައްގީ ކުރުމަށެވެ.

ކަޅުވަކަރު މިސްކިތް ގދ. ތިނަދޫގައި ރޭވުމަށް ނިންމި ނަމަވެސް ފަހުން ނިންމީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެރިޓޭޖު އައިލެންޑުގެ ގޮތުގައި ތަރައްގީކުރާ ފަރުކޮޅުގައި އެ މިސްކިތް ބެހެއްޓުމަށެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތަކުގެ ތެރޭގައި ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެ މިސްކިތް ރޭވުން ވަނީ ހިމަނައިފައެވެ. ގައުމީ ދާރުލްއާސާރު ތެރޭން ކަޅުވަކަރު މިސްކިތް ފެނިފައިވާއިރު، މިހާރު އެ މިސްކިތް ހުރީ ހެރިޓޭޖު މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

comment ކޮމެންޓް