މަރުގެ ހުކުމް ހުއްޓުވުމުގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓު ދީފި

ޑރ. އަލީ ނަސީރު އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަނީ --

ރާއްޖެއިން މިއަދު އދ.ގައި މަރުގެ ހުކުމް ހުއްޓުވުމުގެ ގަރާރާ ދެކޮޅަށް ވޯޓު ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިއަދު ނެގި ވޯޓުގައި، ރާއްޖެއިން "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތް ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ރެޒޮލޫޝަނާ ދެކޮޅަށް ވޯޓުދީފައިވާ ކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ދިވެހިރާއްޖެ ސިޔާސަތު ބަޔާންކޮށްދެމުން، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި، ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެހުކުމް ތަންފީޒުކުރަން ޖެހޭކަމަށެވެ.

ނަމަވެސް، ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ ހެދުމަށް، އެދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމުގެ ޔަގީންކަންވެސް ދިވެހިރާއްޖެއިން ވަނީ ދީފައެވެ.

އޭނާ އެހެން ވިދާޅުވީ، އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ރެޒޮލޫޝަނާ ގުޅޭގޮތުން މިއަދު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގެ ކުރިން، ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ މިހާރު ވަނީ 60 އަހަރު ވެފަ އެވެ. ރާއްޖޭގައއެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ.

comment ކޮމެންޓް