ހުޅުމާލޭ ބީޗު ފްރޮންޓް ސެއްލަޔަށް!؟

ހުޅުމާލޭ ބީޗު ފްރޮންޓް ސަރަހައްދުގައި، އާންމު ސަރަހައްދެއްގައި ފާރު ރާނައި، އިން ވަކިކޮށްފައި -- ފޮޓޯ: ޓްވިޓާ

ހުޅުމާލޭގެ އިރުމަތީ ފަރާތުގައި އޮންނަ ބީޗު ފްރޮންޓް ސަރަހައްދަކީ މުޅި ގްރޭޓާ މާލޭ އޭރިއާގައި ހިމެނޭ އެންމެ ހިތްގައިމު އެއް ސަރަހައްދެވެ. ސިނަމާލޭ ބްރިޖު ހުޅުވާލި ފަހުން އެ ސަރަހައްދު ވެފައި ވަނީ މާލޭގައި ދިރިއުޅޭ ޒުވާނުންގެ މެދުގައި ވެސް މަގުބޫލު ސަރަހައްދަކަށެވެ.

ބީޗު ފްރޮންޓުގައި މިހާރު ވަނީ ގެސްޓްހައުސްތަކާއި އެނޫން ފަރާތްތަކުގެ ކެފޭތަކާއި ރެސްޓޯރެންޓުތައް އަޅައި ނިންމައިފަ އެވެ. ބައެއް ފަރާތްތަކުން "ގެ" އަޅައިގެން ދިރިއުޅެމުން ވެސް ދެ އެވެ.

ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ބޮޑު ބައިން ގޯތި ދޫކޮށްފައިވާ އިރު، ގޯތިތަކުގެ ކުރިމަތީގައި އޮންނަ ބީޗު ގިނަ ފަރާތްތަކުން ބޭނުން ކުރަނީ ރެސްޓޯރެންޓުތަކުގެ ގޮތުގަ އެވެ. ބީޗުގައި، އޯޕަން އެއާގައި ގޮނޑި އާއި މޭޒު ބަހައްޓާފައި ހުރެ އެވެ.

ހުޅުމާލޭ އިރުމަތީ ސަރަހައްދުގައި ހިންގާ ރެސްޓޯރެންޓެއް -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ހުޅުމާލޭ ބީޗު ފްރޮންޓުން ބޮޑު އަގުގައި ގޯތި ނަގާފައިވާ ފަރާތްތަކަށް، އެ ގޯތިތަކުގެ ކުރިމަތީގައި އޮންނަ ބީޗުގެ މަންފާ، އެހެން ފަރާތްތަކަށް ވުރެ ބޮޑަށް ލިބޭނެ އެވެ. އަދި އެ ބީޗުގެ ހިތްފަސޭހަ ކަމާއި އެޑްވާންޓޭޖު ވެސް އެ ފަރާތްތަކަށް ލިބިގެންދާނެ އެވެ. އެހެން ނަމަވެސް، އެ ބީޗު ހިމެނޭ ބިމުގެ މިލްކިއްޔާތު، ބީޗު ފްރަންޓުން ގޯތި ގަތް، އަދި ގަންނަ ފަރާތްތަކަށް ލިބިގެނެއް ނުވެ އެވެ. އެ ބީޗަކީ އެންމެހާ ދިވެހި ރައްޔިތުންނަށް ހުޅުވިގެންވާ ރައްޔިތުންގެ ހައްގެކެވެ.

އާންމު ސަރަހައްދެއް ވިޔަފާރިތަކުން ހިސޯރު ކުރަނީ؟

ހުޅުމާލޭގެ ބީޗު ފްރޮންޓް ސަރަހައްދަކީ އާންމުން ހިތްހަމަ ޖައްސާލުމަށް ބޭނުން ކުރެވެން ޖެހޭނެ ތަނެކެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ހިންގާ ރެސްޓޯރެންޓުތަކުން ދަނީ، ގޯތި ކުރިމަތީގައި އޮންނަ ބިމުގެ އިތުރުން، މަޑުމަޑުން ބީޗުގައި ވެސް ގޮނޑި އާއި މޭޒު ޖަހަމުންނެވެ. އަދި އޭގެ އިތުރުން ހުޅުމާލޭ ބީޗު ސަރަހައްދުގައި އިންވަކިކޮށް ވަށައި ފާރުރާނައި "އަމިއްލަ" ކުރަމުންނެވެ.

ބީޗް ފްރޮންޓުގައި ހިންގާ ކެފޭ އަކުން ބީޗުގައި ގޮނޑި އާއި މޭޒު ޖަހާފައި -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެކަމުގެ ޝަކުވާ މީސް މީޑިއާގައި ބައެއް އާންމު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުން ދަނީ އެ ސަރަހައްދުގައި ވިޔަފާރި ކުރަމުން ދަނީ އެއްވެސް އުސޫލެއް، ހަމައެއް ނެތި، ކަމަށެވެ.

ބީޗު ފްރޮންޓުގައި ހިންގާ ބައެއް ރެސްޓޯރެންޓުތަކުން ބީޗުގައި މޭޒު ޖަހަމުންދާ އިރު، އަނެއްބައި ރެސްޓޯރެންޓުތަކުން ދަނީ ގޯތި ކުރިމަތީގައި އޮންނަ ބިމުގައި، ފެންސު ޖަހައި، ހަޓު ފަދަ ތަންތަން އަޅަމުންނެވެ. އެއީ އެ ފަރާތްތަކުގެ ގޯތީގެ ބައެއް ކަމަށް ނުވިއަސް، އެ ފަރާތްތަކުން ދަނީ އެ ތަނުގައި ފާރު ރާނައި އިން ވެސް ވަކި ކުރަމުންނެވެ.

އެ ސަރަހައްދުގައި ރެސްޓޯރެންޓުގެ ވިޔަފާރި ކުރާ، ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތަކުން "ސަން" އަށް ބުނީ، ގޯތިތަކުގެ ކުރިމަތީގައި އޮންނަ ސަރަހައްދު ވިޔަފަރީގެ ބޭނުމަށް، ބޭނުން ކުރަނީ އެކަމުގެ އެއްވެސް ހުއްދައެއް ލިބިގެން ނޫން ކަމަށެވެ.

"އެއީ އެއްވެސް ތާކުން ހުއްދަ ލިބިގެން ކުރާ ކަމެއް ނޫން. އެޗުޑީސީ އިން އިންނަނީ އޭގެ [ބީޗުގެ] ކުރިމަތީގައި ހުންނަ ބަޔަކަށް ޓާގެޓުކޮށްފައި ދީފައި. ކުރިމަތީ ކެފޭ ހިންގާ މީހުންނަށް ބެލެހެއްޓުމާއި ސާފު ކުރުމާ އެއްކޮށް ދީފައި މި އިންނަނީ ބީޗު،"

އޭނާ ބުނީ، އެއްވެސް ގޮތަކަށް ބެލުމެއް ނެތި އެކަން ދޫކޮށްލާފައި ބޭއްވުން ރަނގަޅު ނޫން ކަމަށެވެ. އަދި އެ ގޮތަށް ބާއްވައިފި ނަމަ އެ ސަރަހައްދު ބޭނުން ކުރުމުގައި ހައްދެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

އެޗްޕީއޭއިން ހުއްދައެއް ނުނަގާ!

"ސަން" އާ ވާހަކަ ދެއްކި ރެސްޓޯރެންޓު ހިންގާ މީހާ ބުނީ އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ރެސްޓޯރެންޓު ހިންގަނީ ރެސްޓޯރެންޓު ހިންގަން ނަގަން ޖެހޭ ހުއްދަތައް ވެސް ނެގުމަކާ ނުލައި ކަމަށެވެ.

ހުޅުމާލޭ އިރުމަތީ ފަރާތުގައި ހުންނަ ބީޗު ސަރަހައްދުގައި އާންމުންގެ ބަޔަކު ޖޯލިފަތީގައި -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"އެއީ އާންމުންނަށް ދޫކޮށްފައި އޮންނަ ސަރައްދެއް. ދެން ބޮޑަށް ބެލެހެއްޓުމާއި ސާފު ކުރުމަށް ދޫކޮށްލާފައި އޮންނާތީ، އެޗްޑީސީން އޭގެ ޒިންމާ ނަގާކަށް ނުޖެހޭނެއެއް ނޫންތޯ. އެހެންވެ، ސާފު ކުރަން، އެ ހުރިހާ ކަމެއް ކުރަން އެގޮތަށް އިންނަނީ. ހެލްތަކުން [ހެލްތު މިނިސްޓްރީ] އެއްވެސް ތަނަކުން ހުއްދަދޭ ތަނެއް ނޫން އެއީކީ."

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވެސް "ސަން" ވިދާޅުވީ، ބީޗުގައި ބައެއް ރެސްޓޯރެންޓުތައް ހިންގަމުން ދަނީ އެޗްޕީއޭގެ ހުއްދައާ ނުލައި ކަމަށެވެ.

"އެ އޭރިއާ ނަގާފައި އެ ހުންނަނީ އަޅުގަނޑުމެންގެ ހުއްދައަކާ އެކީއެއް ނޫން. އަަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އިތުރަށް ވާހަކަ ދައްކައިގެން އެކަން ރަނގަޅު ކުރުމަށް،" މައިމޫނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމާ މެދު އެޅޭނެ ފިޔަވަޅުތައް ބަލައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނާޖާއިޒު ފައިދާ ނެގުން ބޮޑު!

ބީޗު ފްރޮންޓުން ގޯތި ނަގާފައި ހުންނަ ފަރާތްތަކުން، އެ ގޯތިތަކުގެ ކުރިމަތީގައި އޮންނަ ބިން ބޭނުން ކުރަމުން ދަނީ، އެ ބިމަކީ އަމިއްލަ ގޯތީގެ ބައެއް ކަމުގައި ދެކިގެންނެވެ. ބައެއް ފަރާތްތަކުން އެ ބިންތައް ކުއްޔަށް ދޫކޮށް އެކަމުން ބޮޑެތި ފައިދާ ވެސް ނަގަ އެވެ.

"އަހަރެންގެ ފެމިލީ ފްރެންޑެއް އުޅޭ 30،000 އަށް ބީޗު ބިން ކުއްޔަށް ދޫކޮށްގެން. އަދި ކޮބާ، އެވަރުން ނުވެގެން ގޯތީގައި އަޅާފައި ހުންނަ އިމާރާތް ވެސް ހުންނަނީ ކުއްޔަށް ދޫކޮށްފައި،" "ސަން" އާ ވާހަކަ ދެއްކި ނަން ހާމަ ކުރަން ބޭނުން ނުވާ އާާންމުންގެ މީހަކު ކިޔައިދިނެވެ.

ހުޅުމާލޭ ބީޗް ފްރޮންޓުގައި ވޯޓާސްޕޯޓްސްގެ ވިޔަފާރި ކުރާ ސަރަހައްދެއް -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެ ސަހައްދުގައި ވިޔަފާރި ކުރާ އެހެން މީހަކު "ސަން"އަށް ބުނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވިޔަފާރި ރެޖިސްޓްރީ ކޮށްގެން އުޅޭ ބައެއް ފަރާތްތަކުން ވެސް ހުޅުމާލެއަށް އައިސް، ބީޗު ފްރޮންޓުން ބިން ކުއްޔަށް ނަގައިގެން އެތަނުގައި ވޯޓާ ސްޕޯޓްސް ހިންގުން ފަދަ ވިޔަފާރި ކުރާ ކަމަށެވެ.

"މާލޭގަ ވިޔަފާރި ކުރާ މީހާ ވެސް، ކުޅުދުއްފުށީގައި ވިޔަފާރި ކުރާ މީހާ ވެސް އައިސް ހުޅުމާލޭގައި ވިޔަފާރި ކުރަނީ ބީޗު ނަގައިގެން. ރެޖިސްޓްރީ ކޮށްފައި އޮންނަ މީހާ ވެސް. އެކަހަލަ ގޮތަށް އެ ދަނީ. ވޯޓާ ސްޕޯޓްސް ވެސް އެ ހިންގަނީ. އެމީހަކު ބޭނުންވާ ދިމާލަކުން ނަގާފައި އެތަނުގައި ހިންގަނީ. އަނެއްހެން އުސޫލެއްގެ ގޮތުން އެއީ ވަރަށް ދެރަ ކަންކަން ދޯ؟" އޭނާ ބުންޏެވެ.

ހުޅުމާލޭ ބީޗު ފްރަންޓް ބިންތަކަކީ އެއްވެސް ފަރާތެއްގެ މިލްކަކަށް ނުވާ އިރު އެ ބިންތައް ކުއްޔަށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟ މިއީ ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ. ބައެއް އާންމުން ދެކެނީ އެ ސަރަހައްދުގައި ރެސްޓޯރެންޓު ހިންގާ ނަމަ، ހުޅުމާލޭގެ އެންމެހާ ކަންތައްތައް ބަލަހައްޓާ ކުންފުނި، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެތަނުން ކުއްޔެއް ނަގަން ޖެހޭ ކަމަށެވެ.

"މާލޭގަ ގާޑިއާ ބަހައްޓާ މީހުން ފައިސާ ދައްކަން ޖެހޭ. އެކަމަކު މިތާ ބޮޑު ސިންގާ ބިން މި އޮންނަނީ މި ގޮތަށް ދޫކޮށްފައި. މިއީ އެއްވެސް އުސޫލެއް ނޫން،" ކުއްޔެއް ނެގުމަކާ ނުލައި ބީޗު ފްރޮންޓުގައި ވިޔަފާރި ކުރުމަށް ދޫކޮށްފައި އޮންނާތީ ހިތްހަމަ ނުޖެހުން ފާޅު ކުރި މީހަކު ބުންޏެވެ.

އުސޫލެއް ބޭނުންވޭ!

ބީޗްފްރޮންޓުގައި ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ބީޗުގައި މޭޒު ޖަހައި، އެތަނުގައި އިމާރާތްކޮށް، އެ ބިމުގެ ބޭނުންކޮށްގެން ވިޔަފާރީގެ ނާޖާއިޒު ފައިދާ ހޯދަމުން ދަނީ އެ ބިން ބޭނުން ކުރެވޭނެ އުސޫލެއް އެޗްޑީސީ އިން އެކުލަވާލާފައި ނެތުމުން ކަމަށް ބައެއް އާންމު ފަރާތްތަކުން ދެކެ އެވެ.

ބީޗު ފްރޮންޓުގައި ވިޔަފާރި ކުރާ މީހަކު ބުނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކުރީން، ބީޗު ފްރޮންޓުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ އަތުން ކުއްޔަށް ފައިސާ ނަގާނެ ކަމަށް ބުނެ ހުޅުމާލޭގެ (އެޗްޑީސީ) އިން އިއުލާނެއް ނެރުނު ކަމަށެވެ.

ބީޗް ފްރޮންޓު ސަރަހައްދުގައި ހަޓު ޖަހާފައި -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"މި ދޭތެރެއިން އެ މީހުން އިއުލާނުކޮށްފައި އިން އިންތިހާބުގެ ކުރިން އެތަނުން [ގޯތި ކުރިމަތީގައި ހުންނަ ސަރަހައްދުން] ރެންޓެއް ނަގާ ގޮތަށް. ރެންޓު ނަގާ ގޮތަށް އިއުލާނުކޮށްފައި އިންތިހާބު ނިމިގެން ދިޔަ އިރު ވެސް އޭގެ އެއްވެސް އެއްޗެއް ނާދޭ."

އެޗްޑީސީގެ ބަހެއް އެކަމުގައި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާ އެކު ކުރިން އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ބުންޔާމިން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. މިވަގުތު އެޗްޑީސީގެ އެމްޑީގެ މަގާމު ވެސް އޮތީ ހުސްކޮށެވެ.

"އެޗްޑީސީ އިން މިކަން ހައްލު ކުރަން މަސައްކަތް ކޮށްގެން ދޯ ވާނީ. އެތަނުގައި ވިޔަފާރި ކުރިއަސް އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު ކޮންމެވެސް އުސޫލެއްގެ ތެރެއިން އެކަން ކުރީމާ ދޯ ހައްދެއްގެ ތެރޭގައި އެކަން ބެހެއްޓޭނީ،" އާންމުންގެ މީހަކު ބުންޏެވެ.

ހުޅުމާލެއަކީ ރާއްޖޭގައި މިވަގު އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ އެއް ރަށެވެ. ތަހުޒީބީ މުޖްތަމައެެއްގެ ތަސައްވަރަކާއި ރޭވުންތެރިކަމާ އެކު، ތަރައްގީ ކުރަމުން އަންނަ، ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ރަށެކެވެ. އެފަދަ ރަށެއްގެ މުހިންމު ސަރަހައްދެއް ސެއްލަޔަށް، އެމީހަކާއި އެމީހަކު ހިތު ހުރި ކަމެއް ކުރުން އެއީ ތަހުޒީބީ މުޖުތަމައެއްގައި އެކަން އޮންނަން ވާނެ ގޮތްތޯ އެވެ.؟

comment ކޮމެންޓް