ސިމެންތި ބަސްތާ ވެއްޓުނު ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަނީ

މިއަދު ހެނދުނު މަގުމައްޗަށް ސިމެންތި ބަސްތާއެއް ވެއްޓުނު މ. ނަލަހިޔާމަންޒިލް އިމާރާތް --- ސަން ފޮޓޯ

މާލޭގައި އިމާރާތްކުރަމުން ދިޔަ މ. ނަލަހިޔާމަންޒިލުން މަގުމައްޗަށް ސިމެންތި ބަންތާއެއް ވެއްޓި، ކުޑަ އަންހެންކުއްޖަކަށް ޒަހަމްވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މިކަން ފުލުހުން ހާމަކުރީ މިރޭ ކުރި ޓްވީޓެއްގައެވެ.

މ. ނަލަހިޔާމަންޒިލްގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި "ޑަބްލިއު ކޮންސްޓްރަކްޝަނުންނެވެ.

ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހާދިސާގައި، ބަސްތާ ވެއްޓުނީ މަގުމަތިން ހިނގާފައި ދިޔަ ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށެވެ. ބަންގްލަދޭޝަށް ނިސްބަތްވާ އެ ކުއްޖާގެ ބައްޕައަކީ ފ. އަތޮޅުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އެ އާއިލާ މާލެ އައިސް އުޅުނީ ޗުއްޓީއަށެވެ.

އައިޖީއެމްއެޗުގައި އެކުއްޖާގެ ސާޖަރީތަކެއް ހަދައި، އައިސީޔޫގައި މިހާރުވެސް ފަރުވާ ދެމުންދާ އިރު، އެކުއްޖާގެ ކޮނޑުހުޅު ނެއްޓި، އަދި ދެ ފަޔަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މިއަދު ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިމާރާތްކުރުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ރިވިއުކުރުމަށާއި މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތައް މިހާރުން މިހާރަށް އިންސްޕެކްޓުކުރުމަށް އަމުރުކުރައްވާފައެވެ.

މި ހާދިސާ ހިނގާފައިވާ އިރު، މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ މާލޭގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އަދި މިހާރު ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ހުއްޓުވާފައެވެ.

އިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތައް އެކުލެވޭ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް އެސޯއިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހިނގި ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިމާރާތްކުރުމުގެ ސައިޓުތަކުގައި އެކަށީގެންވާ ގޮތުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅޭކަން ފާހަގަކުރަމުން މަސީއިން ބުނީ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މަސީން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހަނދާންކޮށްދީފައެވެ.

comment ކޮމެންޓް