ރަނިލް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި

ލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ރަނިލް ވިކްރަމަސިންހަ ވަނީ ކުރައްވާފަ -- ފޮޓޯ: ހާޝާ ޑި ސިލްވާ

ކޮލަމްބޯ (ޑިސެމްބަރު 16): މިދިޔަ އޮކްޓޯބަރު މަހު ސްރީ ލަންކާގެ ބޮޑުވަޒީރު ކަމުން ދުރު ކުރި ރަނިލް ވިކްރަމަސިންހަ އަނެއްކާވެސް އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ.

ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވީ މީގެ ދެ މަސް ކުރިން ބޮޑުވަޒީރު ކަމަށް އައްޔަން ކުރި މަހިންދަ ރާޖަޕަކްސަ އިއްޔެ މަގާމުން އިސްތިއުފާ ދެއްވި ފަހުންނެވެ.

އަދި މިދިޔަ މަހުގެ ނުވައެއްގައި ރައީސް މައިތިރިޕާލާ ސިރިސޭނާ ގައުމުގެ ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށްކަމަށް ސުޕްރީމް ކޯޓުން ނިންމި ފަހުންނެވެ.

ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވަނީ ވިކްރަމަސިންހަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ޓުވީޓު ކުރައްވާފައެވެ.

މިދިޔަ އޮކްޓޯބަރު 26ގައި ވިކްރަމަސިންހަ މަގާމުން ދުރު ކުރެއްވުމަށް ފަހު ސިރިސޭނާ ވަނީ އޭނާ ވެރިކަމުގައި ހުންނެވިހާ ދުވަހަކު ދެން ވިކްރަމަސިންހަ ބޮޑުވަޒީރުކަމަށް އައްޔަން ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އަދި ވިކްރަހަމަސިންހަ އަކީ "ބޮޑާ އަދި ގޮތް ދޫނުކުރައްވާ" ބޭފުޅެއް ކަމަށާއި އޭނާގެ ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ސިރިސޭނާ ވިދާޅުވާ ގޮތުގައި ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރު ކުރެއްވި މައިގަނޑު ސަބަބަކީ އޭނާ އަވަހާރަކޮށްލަން ބަޔަކު ރޭވި މައްސަލަ ވިކްރަމަސިންހަ ސީރިއަސްކޮށް ނުނަންގަވާތީއެވެ.

މީގެ ކުރިން ލަންކާގެ ޕާލިމެންޓުން ވަނީ ވިކްރަމަސިންހައަށް އަގުލަބިއްޔަތު އޮތްކަން ދެއްކުމަށް ވޯޓެއް ނަގާފައެވެ. އަދި ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ދެ ފަހަރަކު ވޯޓު ދީފައެވެ.

comment ކޮމެންޓް