ހިމާޔަތެއް ނެތިފައި

01 އޮކްޓޯބަރ 2011އާ ގުޅޭ

އަޒުރާގެ ކޮންމެ އިޝާރާތަކާއިއެކު ލައިބާ ސިހިގެންދެއެވެ. އެހެނެއްކަމަކު ލައިބާވެސް ގޮތްދޫކުރާ ހިޔާލެއް ނުކުރެއެވެ. އެކަމަށް އެއްވެސް ފަރުވާލެއްނެތި އަޒުރާ ލައިބާގެ ހެދުމުގައި ހިފާ ދަމައިގަންނަމުން މައްޗަށްނެގިއެވެ. އެއާއެކު ލައިބާގެ ބަނޑުފެނިފައި އަޒުރާގެ ހަރަކާތްތަކަށް ވަގުތުން ހުއްޓުން އެރިއެވެ. ލައިބާ އަވަސް އަވަހަށް ހެނދުން ރަނގަޅުކޮއްލުމާއިއެކު ކޮޓަރިން ބޭރަށް ނުކުތެވެ. ނޭވާކުރުވެފައި ހުރެ އަވަސް ފިޔަވަޅުގައި އޭނަ ހިނގައިގަތީ ގޭންބޭރަށް ނުކުތުމަށެވެ. ގޭދޮރުމަތީ ހުރެ މަގުގެ ދެފަރާތަށް ބަލާލި ވަގުތު އަޒުރާގެ އަޑުއިވުނެވެ. އޭނަގެ ނަމުން ގޮވާލިއަޑެއެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ލައިބާ އަތިރިމައްޗާ ދިމާލަށް ހިނގައިގަތެވެ. މެންދުރުގެ ވަގުތަށްވެފައި ދީފައިވާ ގަދައަވީގައި ލައިބާގެ ހިނގުން އަވަސްވެފައިވާއިރު އޭނަގެ ނިތްކުރިންނާއި ހަށިގަނޑުން ހިއްލަމުންދިޔަ ދާތިކިން އެއްވެސް އުނދަގުލެއްވާހެނެއް ހިޔެއްނުވެއެވެ. އެހެނީ އެންމެ ފަހަރަކުވެސް އަތުން މޫނުފޮހެލުމަކަށް އޭނަ ނޫޅެއެވެ. ގަދައަވިން މަގުމަތީގެ ފަސްގަނޑުވެސްވަނީ ދޮންވެފައެވެ. އަތިރިމަތީގެ މަޑުފަހުގައި ފައިއަޅަމުން ދިޔަވަރަކަށް ހަށިގަނޑުގެ ބަރުމިނަށް ކޮންމެވެސް ވަރަކަށް ފަހުގެ ތެރެއަށް ފައިތިލަ ގަނބަމުންދިޔައެވެ. ފައިތިލާގައި އެއްވެސް ހުރަހެއްނެތި ބީހެމުންދިޔަ ދޮންވެލިތަކުން ހޫނުކަން އިޙްސާސް ވާވަރަށްވުރެ ލައިބާގެ ސިކުނޑީގެ ހާސްކަން ބޮޑެވެ.
ކުއްލިއަކަށް ލައިބާ ހުއްޓިފައި ފަހަތަށް ބަލާލިއެވެ. އޭރު އޭނަގެ އަނގަހުޅުވި މާނޭވާލެވެނީއެވެ. އިޙްތިޔާރަކާއިނުލާ މޭގައި އަތްޖައްސާލެވުނެވެ. ގަދަ ހޫނުގައި ދުރުބަލާލުމުގެ ނިޔަތުގައި ދެލޯ ކުޑަކޮއްލަމުން ލައިބާ އައިދިމާލަށް ބަލާލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންނަމަވެސް މޫދުގައި އަތްދޭތެރެއަށް ފުޅިފައްޗެއް ލައްވައިގެން އުޅޭ ކުދިވެރިންތަކެއް ސަކަރާތްޖަހަމުން ދިޔަމަންޒަރު ކުޑަތަންކޮޅެއް ދުރުން ލައިބާއަށް ފެންނަމުންދިޔައެވެ. ލައިބާ މަޑުމަޑުން އައިކޮޅަށް ހިނގަންފެށިއެވެ. އަދި ބުރުގާގެ ކަންގަނޑު ހިއްލާލުމާއިއެކު މޫނުފޮހެލިއެވެ. މީހާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ލައިބާ އަމިއްލަ ބަނޑުގައި މަޑުމަޑުން ފިރުމާލިއެވެ. އޭނަގެ ސިކުނޑީގައި އެކިއެކި ހިޔާލުތައް ބުރުޖަހަމުންދިޔައެވެ. އަޒުރާގެ ކިބައިން އަދި ސަލާމަތް ވެވުނީކީ ނޫންކަން ހުދު އޭނައަށްވެސް އެނގެއެވެ. އެކަމަކު މިވަގުތު އަޒުރާގެ ރުޅިގަނޑާއި ކުރިމަތިލާން ލައިބާ ބޭނުންނުވީއެވެ.
ލައިބާ އެނބުރި އައިކޮޅަށް ހިނގަމުންދަނިކޮށް ހިމޭންކަންވެރިވެފައިވާ ފަޒާގެ ތެރެއިން ފިނިފިނިވައިރޯޅިއެއް އޭނަގެ ހަށިގަނޑުގައި ބީހީލާފައި ދިޔަކަން އިޙްސާސްކުރެވުނެވެ. ވެފަހުރި ވަރުބަލިންނާއިއެކު އަދި އަޒުރާގެ ރުޅިވެސް މައިތިރިނުވާނެކަން އެނގޭތީ ލައިބާ ގަސްތުކުރީ އަތިރިމަތީ މަޑުކޮއްލުމަށެވެ. އެހެންވެ ހެދިފައިހުރި ބޮޑުރުކެއްގެ ހިޔަލުގައި ލައިބާ އިށީނެވެ. އޭރު މޫދުގައި ސަކަރާތްޖަހަމުން ދިޔަކުދިންތައް ލައިބާއަށް ފެންނަމުންދިޔައެވެ. އެއްކުއްޖެއް އަނެއްކުއްޖެގެ ކޮނޑަށް އަރާފައި ފުންމާލުމާއި ލޮނުގަނޑުގެ ތެރޭ ބަނޑިޖަހާގަނެފައި ދުރަށް ފަތައިގަންނަ މަންޒަރުބަލަން ލައިބާ އިންއިރު އޭނަގެ ހިތަށް ފިނިކަން އީޙްސާސް ކުރެވެމުންދިޔައެވެ. ގުދުރަތުގެ ސާފުވައިން ހަށިގަނޑު ފުރާލިއެވެ. އަދި މަޑުމަޑުން ރުކުގައި ހަށިގަނޑު ޖައްސާލަމުން ލެގިލިއެވެ. އެހެންއިންއިރު ލައިބާގެ ހިތަށް އަރަމުންދިޔައެވެ. ދުވަހަކުވެސް ގެއަށް ދާންނުޖެހޭނެނަމައެވެ. އަޒުރާ އާއި ޔަޒާން ދުވަހަކުވެސް ނުފެންނަ ހިސާބަކަށް ދެވޭނެނަމަ ކިހާ ރަނގަޅުހެއްޔެވެ. މިހާރު އަޒުރާ ލައިބާގެ ބަނޑުގައި އޮތް ދަރިފުޅަށް ހަނދާނެގޮތް ރާވަމުންގެންދާނެކަން ކަށަވަރެވެ. އެހުރިހާ ކަމަކުން އޭނަ ސަލާމަތްވާނީ ކިހިނެތް ހެއްޔެވެ. ސަލާމަތްވާން ހަދާނީ ކިހިނެތްހެއްޔެވެ. މަޑުމަޑުން ލޯމަރާލިވަގުތެވެ. ހީވީ މީހަކު ލައިބާގެ މޫނަށް ފުމެލިހެންނެވެ. ސިހުމަކާއިއެކު ލޯހުޅުވާލެވުނެވެ. ދެފަރާތްހޯދާލެވުނެވެ. ކައިރީގައި އެކަކުވެސް ނެތެވެ. އޭރުވެސް މޫދުގައި އުޅޭކުދިންގެ އަޑު ލައިބާއަށް އިވެމުންދިޔައެވެ. އެދިމާލަށް ބަލާލުމާއިއެކު ލައިބާއަށް ހައިރާންކަންވެރިވިއެވެ. ގަދައަވީގައި ދޮންވެލިގަނޑުމަތީ އިށީނދެލައިގެން އިން ޒުވާނަކު ފެނުމުންނެވެ. ލައިބާއަށް ފެންނަމުންދިޔައީ އޭނަގެ ހާމަވެފައިވާ ބުރަކައްޓެވެ. ގައިގެ ކުލަ އައްޔެއްނޫނެވެ. ހީވާގޮތުން އަވީގައި އަބަދު އުޅުމުގެ ސަބަބުން ހަމުގެކުލަ ބަދަލުވެފައިވާކަހަލައެވެ. ބޮލުގެ އިސްތަށިގަނޑު ދިގެވެ. ލައިބާއަށް އަނެއްކާވެސް ދެފަރާތް ހޯދާލެވުނެވެ. އެޒުވާނާ އައީ ކިހިނެތްބާއޭ ހިތަށް އަރާފައެވެ. އެހެނީ އޭނަގެ ދެލޯ މަރާލުމުގެ ކުރިން އެތަނުގައި އެކަކުވެސް ނުވާކަމެވެ. އަދި ލައިބާގެ ދެލޯ މަރާލައިގެން އިންނަތާ ފަޅިސިކުންތުކޮޅެއްވެސް ނުވާނެތީއެވެ. ލައިބާ ތެދުވެގެން ދާންވެސް ހިތައްއެރިއެވެ. އެހެންނަމަވެސް ތެދުވެގެންދާކަށް ނުކެރުނެވެ. ފަހަރެއްގައި ލައިބާ ދާންތެދުވާތަނުން އެޒުވާނާ ލައިބާއަށް ބަލާލަފާނެތީއެވެ.
ލައިބާ ރުއްދަށުގައި އިންނަތާ ގަނޑިއެއްހާއިރުވެގެން ދިޔައެވެ. އެހެންނަމަވެސް ގެއަށްދާ ހިޔާލެއް ނެތެވެ. މެންދުރުފަސްވެއްޖެކަން ގައިމެވެ. އަދިވެސް ލައިބާ ގެއަށް ދާކަހަލަ ހިޔާލެއް ނުކުރެއެވެ. ލައިބާގެ ކުރިމައްޗަށް ވާކަހަލަ ގޮތަކަށް ދޮންވެލިގަނޑުމަތީ އިށީނދެލައިގެން އިންޒުވާނާ މަޑުމަޑުން ތެދުވިއެވެ. އަދި ދެއަތްދެއަތާއި ފޮޅާލަމުން އޭނަގެ ކައިރީގައި އޮތް ހުދުކުލައިގެ ގަމީސްނަގާ އެވެސް ފޮޅާލިއެވެ. އޭނަ ހިނގައިގަތީ މޫދާ ދިމާލަށެވެ. އަތުގައި އޮތް ގަމީސް ލައިގެން ހުރި މުށިކުލައިގެ ސޯޓުގެ އަރިމަތީ ޖީބަށް ގަމީހުގެ ބައެއް ކޮއްޕާލަމުން މޫދާގާތަށް ހިނގަމުންދިޔައެވެ. ރަށުގެ އަތިރިމަތީގެ ފަސްގަނޑު ހެދިފައިއޮންނަގޮތުން ލައިބާ އިށީނދެލައިގެން އިންހިސާބަކުން ރާޅުޖަހާތަނެއްނުފެނެއެވެ. އެދިމާލަށް ފަސްގަނޑު އޮންނަނީ އަޑިވެފައެވެ. އެހެންވެ އެޒުވާނާ މޫދަށް އެރުނުކަމެއް ލައިބާއަކަށް ނޭގުނެވެ. އެހެންނަމަވެސް މޫދުގައި ފޯރިއާއިއެކު ހަޅޭލަވާ ސަކަރާތްޖަހަމުންދިޔަ މީހުންނަށްވުރެ ލައިބާގެ ސަމާލުކަން ދެވިފައިވަނީ އެކާކުކަން ނޭގޭ ޒުވާނާއަށެވެ. ކީއްވެކަމެއްނޭގެއެވެ. ހިތާ ސިކުނޑި އެފަރާތަށް ބެލުމަށް ލޮލަށް ބާރުފޯރުވާކަހަލައެވެ. ލައިބާއަށް މިހާރު އެޒުވާނާގެ ފެންނަނީ ފައިގެ ވަކިހިސާބަކުން ފެށިގެން މައްޗެވެ. އޭނަ ގުދުވިތަންފެނުނެވެ. އަދި އެހާއަވަހަށް ތެދުވަމުން އޭނަގެ ދިގު އިސްތަށިގަނޑުގައި ދެއަތުން އަތްހާކާލީ ރީތިކޮއްލުމުގެ ބޭނުމުގައި ކަންނޭގެއެވެ. ހަމުގެކުލަ އަލިނޫނަކަސް އެޒުވާނާގެ ގައިގާ ރީތިގޮތެއް ހުރިކަން ލައިބާއަށް ފާހަގަކުރެވުނެވެ. އޭރު އަދި އެޒުވާނާގެ މޫނުވެސް ނުފެނެއެވެ. އޭނަ މަޑުމަޑުން ބަރުފިޔަވަޅުތަކެއް އަޅަމުން ކަހަލަ ގޮތަކަށް އެނބުރި ކުރިންވެސް އިށީނދެގެން އިންދިމާލަށް އައެވެ. ލައިބާ އަވަސް އަވަހަށް އެހެން ދިމާލަކަށް ނަޒަރު އަނބުރާލެވޭތޯ މަސައްކަތްކުރިއެވެ. އެކަމަކުވެސް ލޮލުގެ ހިމަކޮޅުންވިޔަސް އޭނައަށް ބަލާލެވެނީ އެޒުވާނާ ހަދަނީ ކިހިނެތްތޯއެވެ. އޭނަ އިށިންނާކަށް ނޫޅެއެވެ. އަންނަމުންދިޔައީ ލައިބާ އާއި ދިމާލަށްކަން އެނގުމުން އޭނައަށް ހަދާނެގޮތެއްނޭގުނެވެ. އަތުގެ ތެރޭ ބުރުގާގެ ކަންގަނޑު އިނގިއްޔަކަށް އޮޅާލަ އޮޅާލަ އިނެވެ. އެޒުވާނާ އައިގޮތަށް ހުއްޓުނީ ލައިބާގެ ކުރިމަތީއެވެ. ލައިބާއަށް އިސްއުފުލާ ބަލާލަކަށް ނުކެރުނެވެ. އަވަސް އަވަހަށް އިސްޖަހާލެވުނީއެވެ.
"ލަދުވެތިކަން........މާތް ސިފައެއް، ރީތި ސޫރައެއް...." އިރުކޮޅަކުން ބަލަން ހުރެފައި ފިރިހެންވަންތަކަމުން ފުރިގެންވި ލުއިލުއި ހިނިތުންވުމަކާއިއެކު އެޒުވާނާ ބުނެލިއެވެ. އެޒުވާނާގެ އަޑުއިވުމާއިއެކު ލައިބާގެ ހަށިގަނޑުގެ ހުރިހާ އިސްތައްޓެއް ކޮޅައްޖެހުނުކަހަލައެވެ. އޭނަގެ ކަންފަތުގެ ހިނދުރީގައި އެޒުވާނާގެ އަޑުހަރުލާފައިވާކަހަލައެވެ. ލިބުނު ކުއްލި ހައިރާންކަމާއިއެކު ލައިބާއަށް އެޒުވާނާއަށް ބަލާލެވުނީ އެއަޑު އަހާފައިވާކަން ޔަގީންވެގެންނެވެ. ލައިބާ އާއި އެޒުވާނާގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ. އެޒުވާނާގެ ލޮލުގެ ކަޅުކަޅީގައި އާދަޔާއި ހިލާފު ވިދުމެއްވިއެވެ. ފަންއިސްތަށިގަނޑު މޫނުގެ ދެފަރާތަށް ބައިކޮއްލެވިފައިވާއިރު ދިގުކަމުން ކޮނޑުން ތިރިއަށް ފައިބައިފައިވެއެވެ. ލައިބާ އެޒުވާނާއެއް ދުވަހަކުވެސް ނުދެކެވެ. އެކަމަކު އެއަޑުގައި ގާތްކަމާއި ދަންނަވައްތަރު އެކުލެވިފައިވެއެވެ. އެއީ އޭނަގެ އުމުރުން ވަރަށް ކުޑައިރުއްސުރެވެސް އެއަޑު ލައިބާވަނީ އަހާފައެވެ. ގިނައިން އިވެނީ އެކަނިވާ ވަގުތުތަކުގައެވެ. ގޭތެރޭ ބަދިގޭ މަސައްކަތުގައި އުޅެނިކޮށެވެ.
"ކިހިނެތްވީ، ބިރުގަތީތަ، އަހަރެން އެހާ ބިރުވެރިތަ؟" އެޒުވާނާ ދެވަނަ ފަހަރަށްވެސް ވާހަކަދެއްކިއެވެ. މިފަހަރު ލައިބާގެ ހަރަކާތްތައް ތަފާތުވިއެވެ. އޭނަ އާއި މިހާ ގާތްކޮށް ދުވަހަކުވެސް ޒުވާނަކު ވާހަކަދައްކާފައެއްނެތެވެ. އަނެއްކޮޅުން އެޒުވާނާގެ އަޑުގެ ސަބަބުންނާއިއެކު އޭނަގެ ފަރާތުން ނުރައްކަލެއް ދިމާވުމަކީ ނާދިރުކަމެއްކަމުގައި ލައިބާއަށް ދެކެވުނެވެ. ލައިބާ ހިނިތުންވެލަމުން އެދިގު އެސްފިޔަތަކާއިއެކު އޭނަގެ ބެލުން ތިރިކޮއްލަމުން ނޫނެކޭ ބުނެ މަޑުމަޑުން ބޯހޫރުވާލިއެވެ.
"މިހާ އަވިގަދަ ވަގުތެއްގައި މިތާނގަ ކީއްކުރަނީ" އެޒުވާނާ ވާހަކަދެއްކިއެވެ.
"ކަމެއްނުވޭ، ހަމަ މޫދު ބަލާލަން އިނީ" ލައިބާ ދޮގެއް ހަދާލިއެވެ. އޭނަ އެޒުވާނާއަށް އޭނަގެ އެއްވެސް ވާހަކައެއް ކިޔާދޭކަށް ގަސްދެއްނުކުރެއެވެ. ކިތަންމެ ރަނގަޅު މީހެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް އެއްވެސް މީހެއްގެ ހަގީގަތެއް ނޭގޭނެއެވެ. މީހުންނަށް އިތުބާރުކުރުމަކީ ލައިބާއަށް ކުރަން އެންމެ އުނދަގޫވާނެ ކަންތަކެވެ.
"ވަރަށް އާދަޔާ ހިލާފު" އެޒުވާނާ ބުނެލިއެވެ.
"ކީއްވެ" ލައިބާ މަޑުމަޑުން އަހާލިއެވެ. އޭނައަށް މާގިނައެއްކޮށް އެޒުވާނާއަށް ބަލާކަށް ނުކެރެއެވެ.
"އާމުކޮށް މިރަށުގެ ރީތިއަންހެން ކުދިން ބައިބަޔަށް އަންނަނީ ހަވީރު އަވިނިވާލީމަ، އެގަޑީގަ އާމުކޮށް ފިނިވައިރޯޅިއެއްވެސް ޖެހިލާނީ، އަނެއްކާ ރަށުގެ ޒުވާނުންވެސް މިއޮއްދިމާލަށް ދޫނި ހިފަންށޭ ކިޔާފަ އަންނާނީވެސް އެގަޑީގަ، ތިހާ ރީތި ކުއްޖަކު މިހާ މީހުން މަދުގަޑިއެއްގައި އައިސްތިއިނީ އެއްވެސް ބޭނުމެއްނެތި، ވައިރޯޅިއެއްވެސް ޖެހިލަނީކީ ނޫން، އެކަމަކުވެސް ހަމަތިއިންނަނީ މިތާގަ އުޅޭ އެހެން މީހުން ކުރާ ކަންތައްތައް ބަލަން، އަހަރެން ހީކުރީ މީހަކާ ބައްދަލު ކުރަން އައިސް އިން ކުއްޖެއްކަމަށް، ކައިރިއަށް މިއައީ ހަބަރު އޮޅުންފިލުވާލަން ބޭނުންވިވަރުން، މިހެން ހުރިހާ ވާހަކައެއް ދެއްކީމަ ހިތަށް އަރާފާނެ އަހަރެން މީ އަންހެން ކުދިންގެ ފަހަތުން އުޅޭމީހެކޭ....އެކަމަކު ތެދަށް ބުނަން، މިނޫނީ ދުވަހަކުވެސް އަންހެން ކުއްޖަކާ ވާހަކައެއް ނުދައްކަން" އެޒުވާނާ ލައިބާގެ ކުރިމަތީ އުޑުފައިން އިށީނދެލަމުން ލައިބާގެ މޫނަށް ބަލާލަމުން ބުނެލިއެވެ
"މީގެ ކުރިން އަހަރެންދަންނަނަތައް، އެއްވެސް ތަނަކުން އަހަންނަށް ގޮވިންތަ" ލައިބާ އަދިވެސް ޔަގީންކުރަން ބޭނުންވަނީއެވެ. އެއަޑުގައި އެވާ ހިތްގައިމު ފިރިހެންވަންތަކަން އޭނަގެ ހިތަށް އުނދަގޫކުރަނީއެވެ.
"އަހަރުމެން ދެމީހުން އަދި ދުވަހަކުވެސް ދިމައެއްނުވެއެއްނު، އެކަމަކު ދިމާވީތީ އަހާލަން ބޭނުން، ތިކުއްޖާގެ ހާލުކިހިނެތްތައް؟ ރަޙުމަތްތެރިއަކަށް ވެވިދާނެތަ؟" އެޒުވާނާ ހިނިއައިސްފައި އަހާލިއެވެ.
"ކީއްވެ އެއްޗެއް ނުބުނީ" ލައިބާ ވަކިއެއްޗެއް ނުބުނެ ހީލުމާއިއެކު އެޒުވާނާ ބުނެލިއެވެ.
"ތި ދެސުވާލަށްވެސް ދޭނެ ޖަވާބެއް އަހަންނަކަށް މިވަގުތު ނޭގެ، ހިނިތުންވެލީ އެވަރުން ފުދޭނެކަމަށް ހީކޮށް، މިތަނަށް ކޮންމެ ދުވަހަކުވެސް އަންނަންތަ" ލައިބާ ސުވާލުކޮއްލިއެވެ.
"ހޫމް، އެކަމަކު އެއީ ހަމައެކަނި ރޭގަނޑު، މިއަދު އެކަނި މިއައީ މިގަޑީގަ، އެހެންޏާ އަހަރެން މިތަނަށް އަންނަ ގަޑީގަ އެހެން ހުރިހާ އެންމެން ގެއަށް ދިއުމަށް ހިނގައިގަންނާނެ، އެގޮތް އަހަންނަށް މާކަމުދޭ، މިބުނީ އަހަންނަކީ އެކަނިވެރިކަމަށް ލޯބިކުރާ މީހެކޭ" އެޒުވާނާ ބުނެލިއެވެ.
"އެކަމަކު އުމުރުން އެހާ ދުވަސްވި ވައްތަރެއްނުޖަހާ، މައިންބަފައިންނާއިއެކުއެއް ނޫންތަ އުޅެނީ" ލައިބާ އެޒުވާނާއަށް ވަރަށް ފުންކޮށް ބަލާލަމުން ބުނެލިއެވެ. އޭނަ އެޒުވާނާގެ ލޮލަށް ބަލާލީ އޭނަދައްކަމުންދިޔަ ވާހަކަތަކުގައި ކިހާވަރެއްގެ ތެދުވެރިކަމެއް އެކުލެވިފައިވޭތޯ އެދެލޮލުން ހާމަވޭތޯ ބެލުމުގެ މަގުސަދުގައެވެ. ނަމަވެސް އެދެލޮލުގައި ލައިބާއަށް ބާރުފޯރުވާފަދަ ބާރެއް އެކުލެވިފައިވިއެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނަކުން ބާރުދޫވާފަދައެވެ. މަސްތުކަމެއްގެ ތެރެއަށް މީހާ ގެންދާފަދައެވެ. ލައިބާއަށް އެދެލޮލުން އޮޅުން ފިލުވަން ބޭނުންވި ކަންތައްނޫން އެހެން އެތަށްކަމެއް އިޙްސާސްކުރުވިއެވެ. އިރުއިރުކޮޅާ މޫނުމައްޗަށް ވެއްޓުނަނުދީ އޭނަގެ ފަންއިސްތަށިތައް އަތުން އެއްފަރާތްކޮއްލައެވެ.
"އަހަރެންގެ ބައްޕަ އާއިއެކު އަހަރެން އުޅުނީ، އެކަމަކު މިހާރު މިދުނެއަކުނެތް، އޭގެ ފަހުން އެތަށް އަހަރުތަކެއް ވޭތުވެގެން ހިނގައްޖެ، މިހާރު އެކަނި އުޅެއުޅެ އެއްގޮތްވެއްޖެ، ވާހަކައެއް އަހާލަންތަ، ކޮންއިރަކުން އަހަންނަށް ތިކުއްޖާގެ ނަމުން ގޮވާލާނެ ފުރުޞަތެއް ލިބޭނީ" އެޒުވާނާ ބުނެލިއެވެ. ލައިބާ ލަދުވެތިކަމާއިއެކު އަނެއްކާވެސް ހީލިއެވެ. އަދި އޭނަގެ ކުރިމަތީ އަދިވެސް ގުޑިވެސް ނުލާއިން ޒުވާނާއަށް ބަލާލިއެވެ. މީ ކާކުހެއްޔެވެ. ކުއްލިއަކަށް އައިނައިގޮތެއްވެސް ނޭގެއެވެ. ފެނުނީ ކުރިމަތީގައި އިށީނދެލައިގެން އިންދައެވެ. ލައިބާގެ ގާތަށް އައީވެސް ހުދު އެޒުވާނާ އަމިއްލައަށެވެ. މިވަނީ ކިހިނެތްހެއްޔެވެ. އަނެއްކާ ލައިބާގެ ހިތުގެ މުރާދު ފުރިހަމަވަނީބާއެވެ. މީ އޭނަގެ ހިތްއެދޭފަދަ ޒުވާނާބާއެވެ. ލައިބާގެ ހަޔާތުން އުނިވެފައިވާ ލޯތްބާއި އުފާވެރިކަންބާއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު