ނައިބު ރައީސްކަން ކުރި މީހުންނަށް ރައްކާތެރިކަންދޭ ބިލެއް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ/މަޖިލިސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހުންނަށް ރައްކާތެރިކަން ދިނުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތާވަލުކޮށްފި އެވެ.

މިއަދު މެންދުރު 2:00ގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، "ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހުންނަށް ދޭން ޖެހޭ ރައްކާތެރިކަމުގެ ބިލު"ގެ ނަމުގައި ބިލެއް ހުށަހަޅުއްވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ.

އެހެން ނަމަވެސް މި ބިލުގައިވާ ކަންކަމާ ބެހޭ ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.

އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ފަސް ބޭފުޅަކު ކުރެއްވި އެވެ. އެހެން ނަމަވެސް އެއްވެސް ބޭފުޅަކު ފަސް އަހަރުގެ ރިޔާސީ ދައުރެއްގައި އެ މަގާމުގައި ދެމިއެއް ނުހުންނަވަ އެވެ.

އެ ފަސް ބޭފުޅުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސް އަދި ފަހުން ރާއްޖޭގެ ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް ޑރ. ވަހީދުގެ ނައިބު ރައީސްކަން ކުރެއްވި އަންނަބީލް މުހައްމަދު ވަހީދުއްދީން، އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ތިން ނައިބު ރައީސުން ޑރ. މުހައްމަދު ޖަމީލް އަހްމަދު، އަހްމަދު އަދީބު އަދި އަބްދުﷲ ޖިހާދެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހުންނަށް ރައްކާތެރިކަން ދިނުމާ ބެހޭ އެއްވެސް ކަމެއް ގާނޫނެއްގައި މިވަގުތު ހިމަނާފައެއް ނުވެ އެވެ.

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ރައްކާތެރިކަން ދިނުމާ ބެހޭ ގާނޫނެއް އޮވެ އެވެ. އެ ގާނޫނުގައިވާ ގޮތުން ރައީސްކަމުގެ އެއް ދައުރު ފުރިހަމަކުރާ މީހަކަށް އިނާޔަތެއްގެ ގޮތުގައި މަހަކު 50،000 ރުފިޔާ، އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު ފުރިހަމަކުރާ މީހަކަށް މަހަކު 75،000 ރުފިޔާ ދައުލަތުން ދޭންޖެހެ އެވެ.

އަދި ރައީސްކަން ކޮށްފައިވާ މީހަކަށް ދިރިއުޅުމުގެ ޚަރަދުގެ ގޮތުގައި ވެސް މަހަކު 50،000 އާ ހަމައަށް ދައުލަތުން ހަމަޖައްސަން ޖެހޭ އިރު، އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަހަކު 175،000 ރުފިޔާއާ ހަމައަށް ދައުލަތުން ހަމަޖައްސަންވާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

މީގެ އިތުރުން ރައީސްކަން ކޮށްފައިވާ މީހާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެމްއެންޑީއެފުން ހިމާޔަތް ފޯރުކޮށްދޭން ޖެހޭ ކަމަށާއި ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭ ކަމަށާއި ދައުލަތުގެ ޚަރަދުގައި ސިއްހީ ހިދުމަތް ވެސް ހަމަޖައްސައިދޭން ޖެހޭ ކަމަށް އެ ގާނޫނުގައިވެ އެވެ.

comment ކޮމެންޓް