ރައީސް ޔާމީން ފުލުހަށް ވަޑައިގަންނަވާނީ ހިންގަވާފައި: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމިން: އެމަނިކުފާން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގަވާފައިވާ އިރު، އެމަނިކުފާން ފުލުހުންގެ އިދާރާއަށް ހާޒިރުވާނީ ހިންގަވާފައި ކަމަށް ޕިޕީއެމް އިން ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަންނަވާނީ ހިންގަވާފައި ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ބުނެފިއެވެ.

ފުލުހުން ރޭ ބުނެފައިވަނީ ރައީސް ޔާމީން ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ބަލަމުންދާކަމަށާއި އެ މައްސަލަތަކަށް ޖަވާވުދާރީވުމަށް މާދާމާ 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެމަނިކުފާނަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.

ރައީސް ޔަމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފުލުހުން ޗިޓް ފޮނުއްވުމާ ގުޅިގެން، ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ބިއްލޫރިޖެހި ކާރެއްގައި ގޮސް ފުލުސް އޮފީސް ދޮރުމައްޗަށް ފައިބައިވަޑައިގަންނަވާގޮތަށް ނޫން ކަމަށާއި އެޕާޓީ އޮފީހުން، ފުލުހުންގެ އިދާރާއަށް ހާޒިރުވާނީ ހިންގަވާފައި ކަމަށެވެ.

"ރައީސް ޔާމިން [ފުލުހުންގެ އިދާރާއަށް] ވަޑައިގަންވާނީ ޕީޕީއެމް އޮފީހުން ހިންގަވާފައިވާފަ. އެއްގޮތަކަށް ވެސް ކަޅު ބިއްލޫރި ޖެހި ކާރެއްގައި ގޮސް ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް ފައިބައިވަޑައިގަންނަވާ ގޮތަކަށް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް

އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރު އައުމުގެ މައިގަނޑު މަގުސަދަކީ ވެސް ރައިސް ޔާމިން ހައްޔަރު ކުރުން ކަމަށާއި ރައީސް ޔާމީންއާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުން ހައްޔަރު ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތްތަކެއް، ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށް އައި ސަރުކާރެއް ނޫން. ސަރުކާރު އައީ ޒާތީ ހަސަދަ ފިލުވަން. ބަދަލު ހިފަން. އެ ރޫހުގައި އައީ. ސަރުކާރަށް މާ ބޮޑެތި ކަންތައްތަކެއް ކުރެވިދާނެ ކަމަށް ރައްޔިތުން އުންމީދު ކުރާނެ ކަމެއް ނެތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމިން ފުލުހަށް ހާޒިރު ކުރަނީ އެޕާޓީގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގިނަ އަދަދެއްގެ މެމްބަރުންތަކެއް މަޖިލީހަށް ހޮވިދާނެތީ، އެ މަސައްކަތައް ހުރަސް އެޅުއްވުމަށް ކަަމަށެވެ. އަދި އަވަށްޓެރި އިންޑިއާ އާއި ރާއްޖެއިން ހަދާ އެގްރިމަންޓް ތަކުގެ ސަބަބުން އެކަންތައް ފޮރުވާ ރައްޔިތުންގެ ވިސްނުން އެހެން ދިމާލަަކަށް ގެންދިޔުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްަދލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެނާ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޕޮލިހަށް ވަޑައިގަންނަވަން ތައްޔާރަށް ކަމަށާއި، އެމަނިކުފާނު ގާނޫނީ އިމުގެ ތެރެއިން ހައްޔަރު ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ރައީސް ޔާމިން ކުރައްވާފައިނުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް މާދަމާ ހާޒިރުވުމަށް އެންގީ ރިޔާސީ އިންތިހާބެ ދުވަސްވަރު ކެމްޕޭނުގައި ބޭނުންކުރަން އެކި ގޮތްގޮތުން ލިބުނު ފައިސާގެ މައްސަލަ ބެލުމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސާ އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ އާ ގުޅިގެން ރައީސް ޔާމިން ގެ އެކައުންޓްތައްވެސް ވަނީ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް