ރާޖަޕަކްސަ މާދަމާ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަނީ

މިދިޔަ އޮކްޓޯބަރު މަހު ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (ޑިސެމްބަރު 14): މިދިޔަ އޮކްޓޯބަރު މަހު ބޮޑުވަޒީރު ކަމަށް އައްޔަން ކުރި މަހިންދަ ރާޖަޕަކްސަ މާދަމާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ދަރިކަލުން ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ނަމާލްގެ ޓުވީޓެއްގައިވާ ގޮތުން ގައުމުގެ ހަމަޖެހުމަށްޓަކައި އިސްތިއުފާ ދެއްވަން ނިންމެވި ރާޖަޕަކްސަ މާދަމާ ގައުމާ މުހާތަބު ކުރައްވާނެ އެވެ. އަދި އޭނާ ބޮޑުވަޒީރު ކަމުން ދުރަށް ވަޑައިގަތް ނަމަވެސް، އޭނާގެ ޕީޕަލްސް ފްރޮންޓް ޕާޓީ (އެސްއެލްޕީޕީ)އިން ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޕާޓީއާ އެކު ހަދާފައިވާ ކޯލިޝަން ދެމިއޮންނާނެ ކަމަށް އެޓުވީޓުގައިވެ އެވެ.

ރާޖަޕަކްސަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވީ، ސިރިސޭނާ މިދިޔަ މަހުގެ ނުވައެއްގައި އެގައުމުގެ ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމި ފަހުންނެވެ.

އަދި ރާޖަޕަކްސަގެ ބާރުތައް ހިފަހައްޓަން މިދިޔަ ހަފްތާގައި އެގައުމުގެ އިސްތިއުނާފު ކޯޓުން ނިންމި ފަހުންވެ.

އެއަމުރާ ދެކޮޅަށް ރާޖަޕަކްސަ އާއި އޭނާއަށް ތާއިދު ކުރާ މަޖިލިސް މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން އެކޯޓުން ވަނީ މިއަދު ނިންމާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފު ކޯޓުގެ އަމުރު ބާތިލު ކުރަން ދެކޮޅު ހަދާފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 26ގައި ކުއްލި ގޮތަކަށް ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ އެމަގާމުން ރަނިލް ވިކްރަމަސިންހަ ދުރު ކުރުމަށް ފަހު އެވެ. އޭގެ ސަބަބުން ލަންކާގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، އޭގެ ނޭދެވޭ އަސަރު ލަންކާ ރުޕީސްގެ އަގަށާއި ފަތުރުވެރިކަމަށްވެސް ކުރި އެވެ.

comment ކޮމެންޓް