ހޯމަ ދުވަހު ސިރިސޭނާ އާ ބޮޑުވަޒީރަކު އަައްޔަން ކުރައްވާނެ: ޔޫޕީއެފްއޭ

ރައީސް ސިރިސޭނާ ކުރިއަށް އޮތް ދެދުވަސް ތެރޭ އާ ބޮޑުވަޒީރަކު އައްޔަން ކުރާނެ ކަމަށް ޔޫޕީއެފްއޭއިން ބުނޭ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ޑިސެމްބަރު 14): ކުރިއަށް އޮތް ދެ ދުވަސް ތެރޭ ސްރީ ލަންކާއަށް އާ ބޮޑުވަޒީރަކު އައްޔަން ކުރައްވާނެ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ ކަމަށް ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ)އިން ބުނެފި އެވެ.

ސިރިސޭނާ ނިސްބަތްވާ އެލަޔަންސްގެ މެމްބަރެއް ކަމަށްވާ ނިޝަންތާ މުތުހެޓިގާމާ ވިދާޅުވި ގޮތުގައި ސިރިސޭނާ އެފަދައިން ވިދާޅުވީ ޔޫޕީއެފްއޭއިން އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެބައްދަލުވުން ބޭއްވީ، ސިރިސޭނާ ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމި ފަހުންނެވެ.

މުތުހެޓިގާމާ ވިދާޅުވި ގޮތުގައި އެބައްދަލުވުމުގައި ސިރިސޭނާ ވަނީ ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބޮޑުވަޒީރު ކަމަށް ރަނިލް ވިކްރަމަސިންހަ ނުގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮލަމްބޯ ޕޭޖުގައިވާ ގޮތުން އެބައްދަލުވުމުގައި ސިރިސޭނާ ވަނީ އާ ބޮޑުވަޒީރު އައްޔަން ކުރުމާ ބެހޭ ގޮތުން ނިންމަވާނީ ސުޕްރީމް ކޯޓަށް ރާޖަޕަކްސަ ހުށަހަޅާފައިވާ މައްސަލައިގައި ކޯޓުން ނިންމާ ގޮތަކުންނެވެ. ރާޖަޕަކްސަ ކޯޓަށް ހުށަހަޅާފައި ވަނީ ލަންކާގެ އިސްތިއުނާފު ކޯޓަކުން އޭނާ އާއި މިނިސްޓަރުންގެ ބާރުތައް ހިފެހެއްޓުމަށް ނިންމި ނިންމުމާ ގުޅޭ މައްސަލައެކެވެ.

ރައީސް ސިރިސޭނާ ވަނީ މިދިޔަ އޮކްޓޯބަރު 26ގައި ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރުކުރައްވައި، އެމަގާމަށް ރާޖަޕަކްސަ އައްޔަން ކުރައްވާފަ އެވެ. އަދި ރާޖަޕަކްސަގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޕާލިމެންޓުން ތައްޔާރު ވުމުން، ޕާލިމެންޓު އުވާލައްވާފަ އެވެ.

ނަމަވެސް މިދިޔަ މަހުގެ 13އިގައި، ސުޕްރީމް ކޯޓުން ވަނީ ޕާލިމެންޓުގެ މަސައްކަތްތައް އަލުން ފެށުމަށާއި އަވަސް އިންތިހާބަށް ވަމުން ދިޔަ ތައްޔާރީތައް ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

އޭގެ ފަހުން ލަންކާ ޕާލިމެންޓުން ވަނީ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ދެ ފަހަރު ފާސްކޮށްފަ އެވެ. އަދި ވިކްރަމަސިންހައަށް އިތުބާރު އޮތް ކަމަށްވެސް ވޯޓު ދީފަ އެވެ.

comment ކޮމެންޓް