މަރަށް މަރު ހިފަން ޖެހޭނެކަމަށް އިލްޔާސް އަނެއްކާވެސް ވިދާޅުވެއްޖެ

ޝެއިހް އިލްޔާސް: އޭނާ މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ ވާރިސުން އެދިއްޖެ ނަމަ މަރަށް މަރު ހިފުން ނޫން ގޮތެއް ނެތް ކަމަށް ---

ގިސާސް ހިފުމަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުކުމެއް ކަމަށް ޝެއިހް އިލްޔާސް ހުސައިން އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ނިންމާފައިވާ ނިންމުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަތީ އިލްޔާސް ވަނީ އެކަމަށް ފާޑު ވިދާޅުވެ، ގިސާސް ހިފަން ޖެހޭނެކަމަށް މީގެ ކުރިންވެސް ވިދާޅުވިއެވެ. ފޮރިން މިނިސްޓްރީގެ އެ ޓްވީޓް ވަނީ ފަހުން ޑިލީޓް ކޮށްފައެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ދެއްވި ހުކުރު ހުތުބާގައި އިލްޔާސް ވިދާޅުވީ ގިސާސްހިފުމަކީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހުކުމެއް ކަމަށާއި އެކަމަށް ވާރިސުން އެދިއްޖެނަމަ އެކަން ތަންފީޒުކުރުން ނޫން ގޮތެއް ދައުލަތަކަށް ނޯންނާނެ ކަމަށެވެ.

"ގިސާސްހިފުމަކީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހުކުމެއް. ނަމަވެސް ގިސާސް ތަންފީޒުކުރުމުގެ ބާރު އޮތީ މަގުތޫލުގެ ވާރިސުންނަށް،" މަރަށް މަރު ހިފަން ޖެހޭނެކަން ހަނދާން ކޮށްދެއްވަމުން އިލްޔާސް ވިދާޅުވި އެވެ.

ގިސާސްހިފުމަކީ ވަކި މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ ވާރިސުން ގިސާސް ހިފުމަށް ބޭނުންނުވެ މާފު ދީފިނަމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ތެދުވެރިކަމާއި އަމާނާތްތެރި ކަމަވެ. އަދި ގިސާސް ހިފުމުގެ ވާހަކަ އިލްޔާސް ފާހަގަކޮށްފައިވަނީ އުމަރުގެފާނުގެ ދުވަސްވަރުގައި ހިނގި ހާދިސާއެއްގެ ވާހަކަ ގެނެއުމުގެ ގޮތުންނެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 65 އަހަރު ކުރިން ކަމަށާއި އަދި އޭގެ ފަހުން އެކަން ކޮށްފައި ނުވާ ކަމަށާއި އެކަން ދަމަހައްޓާނެ ކަމަށް ބުނެ ފޮރިން މިނިސްޓްރީން ކުރި ޓްވީޓް ވަނީ ހަމަ އެ ދުވަހު ޑިލީޓް ކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގެ އެ ޓްވީޓާއި ގުޅިގެން ގިނަ ދީނީ އިލްމްވެރިން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެ އެ ނިންމުން މުރާޖައާކޮށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލާފައެވެ.

comment ކޮމެންޓް