ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް އަލުން ބަދަލުކުރަނީ

އޯގަސްޓް 21، 2017: "ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ހުންނަ ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް އަލުން ބަދަލުކުރަން އުޅޭކަމުގެ އިޝާރާތެއް މާލެ ސިޓީ ކައުންސިލުން ދީފިއެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާކުގެ ނަން ސަލްޓަން ޕާކުގެ ނަމަށް އަލުން ބަދަލުކުރުމުގެ މައްސަލަ، އަންނަ އަންގާރަ ދުވަހު އޮންނަ ސިޓީ ކައުންސިލް ބައްދަލުވުމަށް ތާވަލުކުރަން ނިންމާފައިވާ ކަމަށެވެ.

ޝިފާގެ ޓްވީޓުގައި ވިދާޅުވީ އެކަން ކުރަނީ ސަލްޓަން ޕާކުގެ ނަން ދިރުވުމަށް ކަމަށެވެ.

ރާއްޖޭގައި އޮތް ރަސްކަން ނިމުމާއެކު، އޭރުގެ ގަނޑުވަރު ހުރި ބިމުގައި ގަސް އިންދައި، ޕާކެއްގެ ގޮތުގައި އެތަން ހުޅުވީ 1968 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

ގާތްގަނޑަކަށް 50 އެއްހާ އަހަރު ވަންދެން "ސަލްޓަން ޕާކު"ގެ ނަމުގައި އޮތް އެ ޕާކުގެ ނަން "ރަސްރަނި ބަގީޗާ"އަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ޔާމީނުގެ ސަރުކާރުން ވަނީ އެތަނަށް ބޮޑެތި އަދި ޒަމާނީ ބަދަލުތަކެއް ގެނެސް، އެތަން ތަރައްގީވެސް ކޮށްފައެވެ.

ސަލްޓަން ޕާކު ފަދަ ތަރީހީ ތަނެއްގެ ނަން އެފަދައިން ބަދަލުކުރުމަކީ އެތަނުގެ ތާރީހީ އައިޑެންޓިޓީ ގެއްލޭނެ ކަމެއް ކަމުގައި ބުނެ ގިނަ ބަޔަކު ކުރީގެ ސަރުކާރަށް ފާޑު ކިޔައި، ނުރުހުންވެސް ފާޅުކުރިއެވެ.

https://sun.mv/93672

ރަސްރަނި ބަގީޗާ މިހާރު ތަރައްގީކޮށްފައިވަނީ ޒަމާނީކޮށް، އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައެވެ. ކުޑަކުދިންނަށް ކުޅެވޭނެ ގިނަ އިންތިޒާމުތަކެއް އެތަނުގައި ހުރި އިރު، ސްޓޭޖަކާއި ފައްވާރެއްވެސް އެތަނުގައި ހުރެއެވެ.

އަދި ފިނި މޫސުން ނުވަތަ ވިންޓާގެ ތަޖުރިބާ ކޮށްލެވޭނެ ފަދަ "ވިންޓަ ޕާކެއް"ވެސް ވަނީ ހަދާފައެވެ. ނަމަވެސް ވިންޓަ ޕާކް ހަދާފައިވަނީ ކަޅުވަކަރު މިސްކިތް ރޫޅާލުމަށްފަހު، އެ މިސްކިތް ހުރި ތަނުގައެވެ.

މީގެ އިތުރުން ރަސްރަނި ބަގީޗާއަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީއެއްގެ ގޮތުގައި، ސަރުކާރު ބަންދު ދުވަސްތަކާއި ހަފްތާ ބަންދުގައި ހެނދުނު ހަޔަކުން ހަވީރު ހަތަރަކަށް 75 ރުފިޔާ އަދި އޭގެ ފަހުގައި ނަމަ 100 ރުފިޔާ ނަގައެވެ.

އަދި ހަފްތާ ބަންދުނޫން ދުވަހެއްގައި ނަމަ 75 ރުފިޔާގެ ފީ އެއް ނަގާއިރު ހުރިހާ ދިވެހީންނާއި، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނާއި އަދި އަށާރަ އަހަރުން ދަށުގެ ބިދޭސީ ކުޑަކުދިންނަށް ޕާކަށް ހިލޭ ވަދެވެއެވެ.

comment ކޮމެންޓް