ޗައިނާއިން ކެނެޑާގެ އިތުރު މީހަކު ހިފަހައްޓައިފި

ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ކެނެޑާގެ މައިކަލް ސްޕަވޯ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ -- ފޮޓޯ: އޭޕީ

އޮޓަވާ (ޑިސެމްބަރު 13): ކެނެޑާއިން ވާވޭގެ ސީއެފްއޯ ހައްޔަރު ކުރި ފަހުން، ޗައިނާއިން ކެނެޑާގެ އިތުރު މީހަކު ހިފަހައްޓައިފިއެވެ.

ކެނެޑާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޗައިނާއިން ހައްޔަރުކޮށްފައި ވަނީ އެގައުމުގައި ދިރިއުޅެމުން ދިޔަ ވިޔަފާރިވެރިއެއް ކަމަށްވާ މައިކެލް ސްޕަވޯއެވެ.

ސްޕަވޯއަކީ އުތުރު ކޮރެއާއަށް ސަގާފީ އަދި ފަތުރުވެރިންގެ ދަތުރުތައް ހަމަޖައްސާ ފަރާތެކެވެ. އެގޮތުން 2013 ވަނަ އަހަރު އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ޑެނިސް ރޮޑްމަން އުތުރު ކޮރެއާއަށް ގެންދިޔުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

އަދި ސްޕަވޯއަކީ ކިމް ޖޮންގް އުންގެ ގާތް އެކުވެރިއެއް ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ކެނެޑާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ސްޕަވޯ ވަނީ ޗައިނާއިން އޭނާއާ ސުވާލު ކުރަމުންދާ ކަމަށް މިހަފްތާ ތެރޭ ކެނެޑާގެ އޮފިޝަލުންނަށް އަންގާފައެވެ. ނަަމަވެސް އޭގެ ފަހުން އޭނާގެ ހަބަރެއްވެފައި ނުވާތީ ކެނެޑާއިން ދަނީ އޭނާއަށް ވީގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކެނެޑާއިން އެފަދައިން ބުނި ފަހުން ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ "ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރުމުގެ ތުހުމަތުގައި" ސްޕަވޯ ތަހުގީގު ކުރަމުންދާކަމަށް ބުނެފައެވެ.

ހަމަ މި ހަފްތާ ތެރޭ ޗައިނާއިން ވަނީ ކެނެޑާގެ ކުރީގެ ޑިޕްލޮމެޓް މައިކެލް ކޮވްރިގްވެސް ހިފަހައްޓާފައެވެ. ކެނެޑާއިން ވަނީ އޭނާ ހައްޔަރުކުރި ސަބަބެއް ނޭނގޭ ކަމަށް ބުނެފައެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން އެދެ މީހުން ހައްޔަރު ކުރީ، ކެނެޑާއިން ވާވޭގެ ސީއެފްއޯ މެންގް ވަންޖޯ ހައްޔަރު ކުރުމުގެ ސަބަބުންނެވެ. މީގެ ކުރިން ޗައިނާއިން ވަނީ މެންގް ދޫކޮށްނުލައިފިނަމަ ބަދަލުހިފާނެކަމުގެ އިންޒާރު ދީފައެވެ.

ނަމަވެސް ކެނެޑާގެ ފެޑެރަލް ޕަބްލިކް ސޭފްޓީ މިނިސްޓަރު ރެލްފް ގުޑްއޭލް ވަނީ ކޮވްރިގް ހައްޔަރުކުރުމާ މެންގްގެ ހައްޔަރާ ގުޅުމެއް ނެތްކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ އެދުމުގެ މަތިން ކެނެޑާއިން ހައްޔަރު ކުރި މެންގް މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. އެމެރިކާއިން ބުނާ ގޮތުގައި މެންގް ވަނީ އެގައުމުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް އީރާނާ ވިޔަފާރިކޮށްފައެވެ.

comment ކޮމެންޓް