އެމެރިކާއިން ވެނެޒުއޭލާގެ ރައީސް އަވަހާރަކޮށްލަން ރޭވި ކަމަށް ތުހުމަތުކޮށްފި

މަޑޫރޯ ވަނީ އެމެރިކާއިން އޭނާ އަވަހާރަކޮށްލަން ރޭވި ކަމަށް ވިދާޅުވެފަ -- ފޮޓޯ: އީޕީއޭ

ކަރާކަސް (ޑިސެމްބަރު 13): އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ރޭވި ކަމަށް އޭނާ ތުހުމަތު ކުރައްވައިފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޑޫރޯ ވިދާޅުވި ގޮތުގައި އޭނާ އަވަހާރަކޮށްލައި، ވެނެޒުއޭލާގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުމުގައި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

"އަޅުގަނޑު މަރާލައި، ވެނެޒުއޭލާއަށް ސިފައިން ފޮނުވައި، މިގައުމަށް ޓްރާންޒިޝަނަލް ސަރުކާރެއް ގެނައުމުގެ ޒިންމާ ޖޯން ބޯލްޓަންއާ ވަނީ ހަވާލުކޮށްފަ،" މަޑޫރޯ ވިދާޅުވި އެވެ.

އަދި ވެނެޒުއޭލާގެ ރައްޔިތުން ތިބީ އެގައުމަށް އަންނަ ބަޔަކާ ހަނގުރާމަ ކުރަން ތައްޔާރަށް ކަމަށާއި އެކަން ކުރާނީ "އެކުވެރި ގައުމުތަކުގެ" އެހީގައި ކަމަށް މަޑޫރޯ ވިދާޅުވި އެވެ.

މީގެ ކުރިންވެސް މަޑޫރޯ ވަނީ އެމެރިކާ އާއި ކޮލަމްބިއާ އާއި ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން އޭނާ އަވަހާރަކޮށްލަން ރާވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އޭގެއިން އެއްވެސް ތުހުމަތެއް ސާބިތުވާ ވަރަށް ހެއްކެއް ދައްކަވާފައެއް ނުވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ތެލުގެ އަގު ވެއްޓުމުގެ ސަބަބުން ވެނެޒުއޭލާގެ އިގުތިސާދަށް ލިބުނު ގެއްލުމުން އެ ގައުމަށް އަދިވެސް ވަނީ އަރައި ނުގަނެވިފައެވެ. އަދި ވެނެޒުއޭލާގެ ކޮންމެ ފަސް މީހެއްގެ ތެރެއިން ހަތަރު މީހުން މިހާރު ދިރިއުޅެމުން ދަނީ ފަގީރުކަން މަތީގައެވެ.

އެ ގައުމުގެ ރައްޔިތުން ކާނާ ގަތުމަށްޓަކައި ގިނަ އިރު ވަންދެން ކިޔޫގައި ތިބެންޖެހޭ އިރު ބޭސް ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ދަނީ މަރުވަމުންނެވެ.

އޭގެ ސަބަބުން، 2014 ގެ ފަހުން ވެނެޒުއޭލާ ދޫކޮށް ދިޔަ މީހުންގެ އަދަދު ވަނީ 2.3 މިލިއަނަށް ވުރެ އިތުރުވެފައެވެ. އެއީ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް ހަތް ޕަސެންޓު މީހުންނެވެ.

ވެނެޒުއޭލާ މިހާރު އޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ އެގައުމުގެ ރައީސް ކަމަށް ގިނަ އަދަދެއްގެ މީހުން ބުނެއެވެ. ނަމަވެސް މަޑޫރޯ ވަނީ އެއީ އެމެރިކާއާއި ޔޫރަޕުން އެ ގައުމާ ދެކޮޅަށް ފަށާފައިވާ އިގުތިސާދީ ހަނގުރާމައެއްގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް