"ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން ނަޝީދަށް ހައްގު"

ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

ރާއްޖޭގެ ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން ކުރީގެ ރައީސް އަދި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުދިނުމުން ނޫސްވެރިންނަށް އާންމުން ފާޑުކިޔަން ފަށައިފިއެވެ.

ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ރޭ ބޭއްވި ހަފްލާގައި ނޫސްވެރި ކަމުގެ އަލިމަސް ޝަރަފުގެ ގަލަން އަރުވާފައިވަނީ އަށް ބޭފުޅަކަށެވެ. އޭގެ ތެރޭގައި ނަޝީދު ހިމެނިވަޑައި ނުގަންނަވައެވެ.

އެކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ އެމްއެމްސީއަށް ފާޑު ކިޔާފަ އެވެ. ނޫސްވެރިން ބުނާ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދޭން ނަޝީދުވީ ވަރުގެ ގުރުބާނީއެއް ވީ މީހަކު މި ގައުމުގައި ނުހުންނާނެއެވެ.

"ރާއްޖޭގެ މިނިވަން ނޫސްވެރި ކަމަށް މުހައްމަދު ނަޝީދަށްވުރެ ބޮޑަށް މަސައްކަތް ކުރި ދެވަނަ ބޭފުޅަކު ވަކި ނުހުންނާނެ. ނޫސްވެރިކަމުގެ އަލިމަސް ޖުބުލީ ފާހަގަކުރި އިރު އެމަނިކުފާނުގެ އަގުވަޒަން ނުކުރެވުމަކީ ދެރަ ކަމެއް،" ސަން މީޑިއާ ގްރޫޕުގެ ސީއިއޯ އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ވިދާޅުވިއެވެ.

އެހެން ނޫސްވެރި އަކު ކުރި ޓްވިޓާގައި ބުނެފައިވަނީ މި ގައުމުގައި މިނިވަން ނޫސްވެރިކަމެއް މިއަދު އޮތީ ނަޝީދު އެދުވަހު ކުރެއްވި މަސައްކަތުންނެވެ. އެހެންވީމާ ނޫސްވެރިކަމުގެ ކޮންމެ އެވޯޑެއްވެސް ނަޝީދަށް ހައްގު ކަމަށް ބުނެފައިވެއެވެ.

އާންމުންނާއި ނޫސްވެރިންގެ އިހުސާސްތައް ޓްވިޓާގައި ބަންޑުންކޮށްލުމުން ނަޝީދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އެމަނިކުފާނު 14 ފަހަރަށް ހައްޔަރުކޮށް ދައުވާ ކުރެވި ޖަލަށް ލެވުނު އިރު އޭގެ ތެރެއިން ގިނަ ފަހަރު ހައްޔަރު ކުރެވުނީ ނޫސްވެރިކަމާ ލިޔާ ލިޔުންތަކުގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެން ވިދާޅުވި ނަމަވެސް ނަޝީދު ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން ލިބި ވަޑައިގެންނެވީތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނަޝީދަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް ލިޔުންތައް ލިޔުނު މަޝްހޫރު "ސަންގު ނޫހުގެ" ނޫސްވެރިއެކެވެ. އެކި ފަހަރު މަތިން ލިޔުނު ލިޔުންތަކުގެ މައްސަލާގައި ނަޝީދު ޖަލަށް ލިއެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދިފާއުގައި ނަޝީދު އަބަދުވެސް އަޑު އުފުއްލެވި އެވެ. ނަޝީދަކީ ރާއްޖޭގެ ނޫސްވެރިއެކަަށް ލިބުނު އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އެވޯޑުވެސް ހާސިލު ކުރެއްވި ނޫސްވެރިޔާއެވެ.

comment ކޮމެންޓް