މާމުއި އަންނަ އަހަރު ޖުލައި މަހަށް ފަސްކޮށްފި

"މާމުއި"ގެ ޕޯސްޓަރެއް---

ޑާކްރެއިންގެ ފިލްމު "މާމުއި" އޮލިމްޕަހުގައި އަޅުވާ ތާރީހަށް ބަދަލު ގެނެސްފިއެވެ. މިހާރު ފިލްމު އަޅުވަން ނިންމާފައި އޮތީ ޖުލައި އެއްވަނަ ދުވަހުއެވެ.

ޑާކްރެއިންގެ ފަރާތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމު އަޅުވާ ތާރީހަށް ބަދަލު ގެނައީ، ޑާކްރެއިން އިން ފިލްމު ދައްކަން ބޭނުންވާ އަދަދަށް އޮލިމްޕަސް ނުލިބޭތީ ކަމަށެވެ.

"އަޅުގަނޑުމެން ފިލްމު އަޅުވަން ބޭނުންވާ ވަރަށް ދުވަސް ނުލިބޭ. މެދުތެރެއިން އެހެން ބަޔަކަށް އޮލިމްޕަސް ދޫކޮށްފައި އޮތީމާ ފިލްމު ލަސްކޮށްލީ،"

ޑާކްރެއިނުން ބުނީ މާމުއި އަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމު ކަމަށެވެ.

"ވަކި ވަރަކަށް ޝޯ ދައްކައިގެން ކޯސްޓު ރިކަވާވާނީ. އެހެންވީމާ އެވަރަށް ޝޯ ދެއްކޭނެ ދުވަސްތަކެއްގައި ފިލްމު ސްކްރީނަށް ގެންނަނީ،" ތިލަފުއްޓާ އެއާޕޯޓު ފަދަ ލޮކޭޝަންތަކުގައި ވަރުގަދަ މަންޒަރުތަކެއް ނަގާފައިވާ ފިލްމާ ގުޅޭގޮތުން ބުންޏެވެ.

"މިއީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ވަރަށް ގިނަ ވަގުތު ހޭދަކުރެވުނު ފިލްމެއް. އެހެންވެ ރިސްކެއް ނަގަން ބޭނުން ނުވާތީ ފިލްމު ސްކްރީން ކުރާ ތާރީހު ފަހަތަށް ޖައްސާލީ،"

މީގެ ކުރިން މާމުއި އަޅުވަން ނިންމާފައި އޮތީ އޭޕްރީލް ފުރަތަމަ ދުވަހުއެވެ. ފިލްމު އިޝްތިހާރު ކުރަމުން ދިޔައީ ވެސް #އޭޕްރީލްފޫލްސްޑޭގެ ޓެގާއެކުއެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެއެވެ.

comment ކޮމެންޓް