މަޖިލިސް ދާއިރާތައް ބަހާނެ ފޯމިއުލާއަކާ މެދު ވިސްނަން ރައީސް ސޯލިހު އެދިވަޑައިގެންފި

ކޯލިޝަން ލީޑަރުން ބޭއްވި ބައްދަލު ކުރެއްވިމެއްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކޯލިޝަނުގެ މެދުގައި ބަހާނެ ގޮތުގެ އާ ފޯމިއުލާއަކާ މެދު އިތުރަށް ވިސްނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ސޯލިހު އެދިވަޑައިގެންފި އެވެ.

މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ރައީސް ސޯލިހު ވަނީ ރޭ މުލިއާގޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން ވާދަ ކުރުމަށް ގޮނޑިތައް ބަހާނެ ގޮތުގެ ފޯމިއުލާއެއް ނެރުމާ ބެހޭ ގޮތުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

"ރައީސް ސޯލިހު ވިދާޅިވި އެ މަނިކުފާނު ކޯލިޝަން ދަމަހައްޓާނެ ވާހަކަ. އެހެންވީމާ ގޮނޑިތައް ބަހާނެ ގޮތުގެ އާ ފޯމިއުލާއެއް ނެރުުން މުހިންމު ކަމަށް." އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރުންނާ މުލިއާގޭގައި ބައްދަލުކުރެއްވުން -- ފޮޓޯ ޓްވީޓާ/އަލީ ނިޒާރު

މީގެ ކުރިން ޕާޓީތަކުން ހަދާފައިވާ އެގްރިމެންޓްގައި ޕަސެންޓް ބަހާފައިވާ ގޮތުން އެމްޑީޕީއަށް ވާދަ ކުރަން ލިބޭނީ 35 ދާއިރާ އެވެ. އެ އަދަދަކީ އެމްޑީޕީއަށް އެކަށޭނަ އަދަދެއް ނޫން ކަމަށް ރައީސް ސޯލިހު ވެސް ދެކެވަޑައިގެންނެވި ކަމަށް ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

އަދި ކޯލިޝަނުން އެމްޑީޕީއަށް ވާދަކުރެވޭނެ ބައެއް ފޯމިއުލާތަކެއްގެ ހިޔާލު ރައީސް ސޯލިހު ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ. އެގޮތުން 50 ދާއިރާއަށް ވުރެ މަދު ނުވާ ގޮތަށް އެމްޑީޕީއަށް ދާއިރާތައް ލިބޭނެ ފޯމިއުލާއެއް ހުށަހެޅުއްވި ކަމަށް ވެސް ގައުމީ މަޖިލީހުގެ އެހެން މެމްބަރަކު ވިދާޅުވި އެވެ.

"ފަންސާސް ދާއިރާއަށް ވުރެ މަދު ނުވާ ގޮތަށް އެމްޑީޕީއަށް ދާއިރާތައް ލިބޭނެ ފޯމިއުލާއެއް ނެރުއްވުމަށް ހިޔާލު ހުށަހެޅުއްވި ރައީސް ސޯލިހު. އެކަމަކު އެއީ ހަމަ ހިޔާލެއް. ވަކި ސްޓޭންޑެއް ރައީސް ނުނަންގަވާ." އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ރޭ ވެސް ތާއީދު ކުރެއްވީ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަ ކުރުމަށް ކަން އެނގިފައިވެ އެވެ. ވާދަ ކޮށްގެން ލިބޭ ދާއިރާތަކާ އެކު ކޯލިޝަން ކުރިއަށް ދާން މެމްބަރުން ހިޔާލު ހުށަހެޅުއްވި ކަމަށް ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"މިސާލަކަށް ބައެއް ދާއިރާތައް އެބަހުރި ހަމަ އެމްޑީޕީގެ ސަޕޯޓު އޮންނަ. އެހެން ޕާޓީތަކުގެ ހަ ވަރަކަށް މެމްބަރުން ތިބޭ. އެކަމަކު އެމްޑީޕީ ހަރުގޭގައި ލަވަޖަހާވަ ކެމްޕެއިން ކޮށްފައި އެހެން ޕާޓީއެއްގެ މީހަކު ހޮވަން މިޖެހެނީ. އެގޮތަށް ގައުމީ މަޖިލިސް މެމްބަރުން ތާއީދެއް ނުކުރޭ." އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިރާތައް ބެހުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް އެމްޑީޕީން 87 ދާއިރާއަށް ވާދަ ކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނުގެނެ އެވެ. ރޭ އެމްޑީޕީގެ ގައުމީ މަޖިލީހާ ރައީސް ސޯލިހު ބައްދަލު ކުރެއްވި އިރު ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ.

ޕާޓީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތުން 35 ދާއިރާއަށް އެމްޑީޕީން ވާދަ ކުރުމަކީ އެމްޑީޕީއަށް ހައްގު މިންވަރެއް ނޫނެވެ. އަދި އެ ނޫން ގޮތަކަށް ކޯލިޝަނާ އެކު އެކަން ކުރަން ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް ޕާޓީތަކަށް އެއްބަސްވެވިފައި ނުވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެހެންވީމާ އެމްޑީޕީއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް އެޕާޓީން ވާދަކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް