އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި

އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު ނަސީރު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ރާއްޖޭގައި ޗެކް އެންޑޯޒް ކުރުން" ހުއްޓާލާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ރަށްތަކުގެ ކުލީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަނީ އެމްއެމްޕީއާރުސީގެ އެކައުންޓުގެ ބަދަލުގައި ޗެކު އެންޑޯޒްކޮށްގެން އަމިއްލަ ބައެއް ކުންފުނިތަކަށް ޖަމާކޮށްފަ އެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ނަސީރު ވިދާޅުވީ އެމްއެމްއޭ އިން ޗެކު އެންޑޯޒް ކުރުން ހުއްޓާލީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޗެކު އެންޑޯޒް ކުރުމުގެ މައްސަލަތަކެއް ފާހަގަވެފައިވާތީ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ މައްސަލާގައި ވީ ގޮތަކީ އެ ކުންފުންޏަށް ޖަހާފައި އިން ޗެކެއް މި ޖަމާ ކުރީ އެހެން ކުންފުންޏަކަށް. އަނެއް ފަރާތުގައި ސޮއިކޮށް، އެންޑޯޒް ކުރެވިގެން،" ނަސީރު ވިދާޅުވި އެވެ.

މިއަދު ގަވަރުނަރު ނަސީރު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރަމުންދާތީ، އެ މައްސަލާގައި އިހުމާލު ވަނީ ކޮން ބައެއްކަން ވިދާޅުވުމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ.

އޭނާ ވަނީ، 2014 ވަނަ އަހަރުގެ އޮކްޓޫބަރު 29 ވަނަ ދުވަހު ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހިމް ނެރުއްވި އޮޑިޓް ރިޕޯޓުގައި ވެސް ސަރުކާރު ކުންފުނިތަކުން ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ފާހަގަ ކުރި ކަން ފާހަގަ ކުރައްވައިފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ހިނގައި ދިޔަ އިރު އެމްއެމްއޭއަށް އެކަން އެނގޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ދާދި ފަހުން ތުހުމަތު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގައިފި ނަމަ އެމްއެމްއޭގެ އިތުރުން ބޭންކުތައް ވެސް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް