އެފްއައިޔޫގެ ވެރިޔާ ބަދަލުކުރީ ސެކްޝަންތަކަށް ގެނައި ބަދަލެއްގެ ތެރެއިން

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަޙްމަދު އަވްޝަން އިލްޔާސް

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނެވި ބޭފުޅާ މަގާމުން ދުރުކުރީ ތަނުގެ ސްޓްރަކްޗާ އަށް ގެނައި ބަދަލަކާއެކު އެމްއެމްއޭގެ މަސައްކަތް ހަރުދަނާ ކުރުމަށް ކަމަށް ގަވަރުނަރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ސުވާލުކުރުމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެމްއެމްއޭގެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

"އަޅުގަނޑު މަގާމާ ހަވާލުވުމަށްފަހު ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓުގެ އިތުރުން މުޅި އެމްއެމްއޭގެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތް ފަށާފައިވާނީ. އޭޕްރީލް މަހުން ފެށިގެން އެކި ޑިވިޝަންތަކާއި މަގަމުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން މިދަނީ. އެ ބަދަލުތަކުގެ ތެރެއިން އެފްއައިޔޫ އާ އެހެނިހެން ސެކްޝަންތަކަށް ބަދަލު ގެނެސްފައިވާނީ،" ގަވަރުނަރު ވިދާޅުވިއެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިންގެ ހަރަކާތްތައް ހުއްޓުވުމަށް މަނީލޯންޑްރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި އުފައްދާފައިވާ މިނިވަން ޔުނިޓެކެވެ.އެ ޔުނިޓަކީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ޔުނިޓެއް ނޫން ނަމަވެސް ފުލުހުންނާއި އެހެނިހެން އިދާރާތަކަށް ބޭނުންވާ މާލީ މައުލޫމާތު އެ ޔުނިޓުން ފޯރުކޮށްދެއެވެ.

މިހާތަނަށް 137 މައްސަލައެއް ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދީފައިވާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

comment ކޮމެންޓް