އެމްއެމްޕީއާރްސީގެ ހިޔާނަތް ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

ގަވަރުނަރު އަހުމަދު ނަސީރު --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް ބޭރުގެ އެހީ ހޯދަން ނިންމާފައިވާކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ އެ ތަހުގީގު ހަވާލުކުރާނެ ބަޔަކު ހޯދުމަށް މިހާރު އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.

"އެމްއެމްއޭ އިން ބޭރުގެ އިތުރު ބޭންކުތަކާއެކު ގުޅުން ގާއިމް ކޮށްފައިވާއިރު، ގައުމީ ރިޒާވް އާ ގުޅުންހުރި ކަންތައްތަކުގައި އެހެން ބޭންކުތަކާ މުއާމަލާތް ކުރަންޖެހޭ. ރާއްޖޭގެ މާލީ ނިޒާމާމެދު މީހުންގެ އިތުބާރު ހޯދުމަށް މިހާރު ނިންމާފައިވަނީ އެކަމުގެ އިންޑިޕެންޑެންޓް އޮޑިޓެއް ކުރުމަށް ބޭރުގެ ބަޔަކާ ހަވާލުކުރަން،" ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކޮށް އެކަމުގެ ހަގީގަތް އެނގެން އެބަޖެހޭ ކަމަށެވެ.

"ހަގީގަތުގައި މިކަން ހިނގަން މެދުވެރިވި ސަބަބު ވެސް ދެނެގަނެ، އެކަމަށް ހައްލު ގެންނަން ވެސް އެބަޖެހޭ،" ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްޗަށް އަލްޖަޒީރާ އިން ތައްޔާރުކުރި "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީގައި އެމްއެމްއޭ އާ ދެކޮޅަށް ތުހުމަތެއް ކޮށްފައި ނުވާ ކަމަށާއި، ބޭނުންވަނީ ޒައްރެއްގެ މިންވަރު ވިޔަސް ޝައްކެއް އޮތްނަމަ އެ ޝައްކު ފިލުވާލުމަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމާގުޅޭގޮތުން ވާހަކަ ދައްކާއިރު ކަމުގެ ތެދު މައުލޫމާތު ހޯދަން ޖެހޭކަމަށެވެ. އެހެން ނޫންނަމަ، މާލީ ނިޒާމަށް އޮންނަ އިތުބާރު ގެއްލޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

comment ކޮމެންޓް