މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމު މިއަދު ފަށަނީ

މިސްކިތުގައި މީހަކު ގުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ފުރަތަމަ 100 ދުވަހުގެ ތެރެގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމު މިއަދު އިފްތިތާހު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމާ ގުޅޭގޮތުން އިސްލާމިކް އެފެއާޒުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭ ހާސިލުކުރަން ކަނޑައަޅާފައިވާ މި ވައުދު އިފްތިތާހުކުރުން މިއަދު ކުރިއަށްދާނީ ކ. މާފުށީގައި ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ -- ފޮޓޯ/ ރައީސް އޮފީސް

މި ޕްރޮގްރާމުގައި ތިން ބައެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ އަކުރު ދަސްކޮށްދޭ ކްލާސްތަކަކާއި ގްރުއާން ހިތުދަސްކޮށްދޭ ކްލާސްތަކަކާއި ބަލައިގެން ހަތިމްކުރުމަށް ކުދިންނަށް ދަސްކޮށްދޭ ކްލާސްތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮގްރަމު މިއަދު މާފުށީގައި އިފްތިތާހު ކުރާއިރު އިތުރު 11 އަތޮޅެއްގެ 17 ރަށެއްގައިވެސް މިއަދު މި ޕްރޮގްރާމު ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފުރަތަމަ މަރުހަލާގައި އިމާމުން މެދުވެރިކޮށް ގުރުއާން ކިޔަވާދިނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، އަދި ބައެއް އެހެނިހެން މުދައްރިސުން ލައްވާ ކުރިއަށް ގެންދިއުމަށްވެސް އެބަ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވީ ކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

comment ކޮމެންޓް