"އަޅުގަނޑުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އެއްޗަކީ ރައްޔިތުންގެ އިންސާނީ ހައްގުތައް"

ރައީސް ސޯލިހު އުކުޅަހުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

ކަރާމާތްތެރި އަބުރުވެރި ދިރިއުޅުމަކަށް މީހާ ގެންގޮސްދެނީ އޭނާގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރެވިގެން ކަމަށާއި އެންމެ އިސްކަންދޭނީ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ އަނެކުންގެ ހައްގުތަކަށް އަރައިނުގަނެ ސުލްހަވެރިކަމާ އެކު ދިރިއުޅުމުގެ ވިސްނުން ސިކުނޑިތަކުގައި އުފެދެނީ އިންސާނީ ކަރާމަތާއި ހައްގުތައް ތިމާއަށް ހާސިލު ކުރެވޭ ކަމުގެ ފޮނި އިހުސާސް ކުރެވުމުން ކަމަށެވެ.

"އިންސާނީ ހައްގށް ކުޑަނަމަވެސް ފަނޑުކަމެއް އައިސްފި ނަމަ، އެކަމަށް ވަކާލާތު ކުރަން ޖެހޭނެ، އަޑު އުފުލަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުުވީ އެމަނިކުފާނަށް އެންމެ މުހިއްމުވާނީ ރައްޔިތުންގެ ހައްގުތައް ކަމަށެވެ.

"އަޅުގަނޑުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އެއްޗަކީ ރައްޔިތުންގެ އިންސާނީ ހައްގުތައް،" ރައީސް ވިދާޅުވި އެވެ.

ފާއިތުވި ފަސް އަހަރު ތެރޭ ރައްޔިތުން މަސައްކަތްކުރީ މިފަދަ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދިން ހައްގުތައް މިދިޔަ ފަސް އަހަރު ތެރޭ ވަނީ ނިގުޅައިގަނެފައި. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިވަނީ ހަނިކޮށްފައި، ނޫސްވެރިކަމުގެ މިނިވަންކަން އައީ ނެތިކޮށްލަމުން،" ރައީސް ވިދާޅުވީ މި ސަރުކާރަކީ މިއީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާނެ ސަރުކާރެއް ނޫން ކަމަށެވެ.

ވެރިކަމުގެ ފަހުދުވަހާ ހަމައަށް ދެމިހުންނަވާނީ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެންމެ މީހެއްގެ ހައްގު ނުރައްކަލަކަށް ހުށަހެޅުނު ނަމަވެސް އެންމެންގެ ހައްގުތައް ވަނީ ނުރައްކަލަށް ހުށަހެޅިފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކޮންމެ ގައުމެއްގެ ހަގީގީ މިނިވަންކަމަކީ ރައްޔިތުންގެ މިނިވަންކަން. އިންސާނީ ހައްގުތަކުގެ ސިޔާދަތު ކޮންމެ ހާލެއްގައި ވެސް ދެމިއޮންނަން ޖެހޭ،" އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ. "އެކަން ރައްޔިތުންނަށް ކަށަވަރުކޮށްދެން،"

ރައްޔިތުންގެ ހައްގުތައް ހަނިކުރުމަކީ ނިޒާމު ގަޑުބަޑުވާނެ ކަމެއް ކަމަށާއި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްގެން ނޫނީ "އުއްމީދުކުރާ ފަދަ ރާއްޖެއެއް ބިނާ ނުކުރެވޭނެ،" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ މިންގަނޑުތަކުން ރާއްޖެއަކީ ޑިމޮކްރަސީއެއް ނޫން ކަމަށް ފްރީޑަމް ހައުސް އިން ވަނީ ނިންމާފައި، އެގޮތަށް ނިންމާއި ވަނީ ރާއްޖެއަކީ ފަރުދުންގެ ހައްގުތައް ރައްކާތެރިނުކުރާ ގައުމެއްގެ ގޮތުގައި ފާހަގަކޮށް،" ރައީސް ވިދާޅުވި އެވެ. އެމަނިކކުފާނު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ވައުދު ވެސް ތަކުރާރު ކުރައްވައިފައިވެ އެވެ.

ރައީސް ވިދާޅުވީ ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިންޑެކްސްގައި 2012 ވަނަ އަހަރުން ފެށިގެން ރާއްޖެ ދަނީ ފަހަތަށް ކަމަށެވެ. މިދިޔަ ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ވިހަވެފައި" ކަމަށް ރައީސް ސިފަކުރެއްވި އެވެ.

މި ސަރުކާރުގައި ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު ރައްޔިތުންނަށާއި ނޫސްވެރިންނަށް އޮންނާނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އިންޝާﷲ، ކުރިއަށް އޮތް އަހަރުގެ މިދުވަހު އަޅުގަނޑު ދައްކާ ވާހަކާގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާޖެއަށް ކުރިއެރުން ލިބުނު ވާހަކަ ހާމަކުރެވޭނެ،" ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާވެ ފްރީޑަމް ހައުސް އާއި ރިޕޯޓާސް ވިތުއައުޓް ބޯޑާސްގެ އިންޑެކްސްގައި ރާއްޖެ ކުރިއަރާނެ ކަމަށެވެ.

comment ކޮމެންޓް