އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދެނީ

ރައީސް އުކުޅަހަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮތޯ: ރައީސް އޮފީސް

ކުރިއަށް އޮތް ހަފްތާ ތެރޭ ސިޓީ ކައުންސިލްތަކަށް އިތުރު ބާރުތައް ދޭން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށްގެން ކަމަށެވެ.

ކުރީ ސަރުކާރުން ސިޓީ ކައުންސިލްތަކުން ނަގާފއިވާ ބާރުތައް އަނބުރާ ދިނުމަށް ކެބިނެޓުން ވަނީ މިދިޔަ ހަފްތާ ނިންމައިފަ އެވެ.

މި ސަރުކާރަކީ ހުރިހަ ބާރުތަކެއް މައި ސަރުކާރަށް ޖަމާކުރާނެ ސަރުކާރެއް ނޫންކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ "ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް،" ކަމަށެވެ.

https://sun.mv/112589

ރައީސް ސޯލިހު ވަނީ އަންނަ އަހަރު އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށޭނެ ކަންވެސް މިއަދު އިއުލާނު ކުރައްވައިފަ އެވެ. އެކަމަށް ބޭނުންވާ ބަޖެޓު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ އިރު، އެރަށުން ގޯތި ދޫނުކުރާތާ 21 އަހަރު ވެއްޖެ އެވެ.

އުކުޅަހުގެ ރައްޔިތުން އިސްނަގައިގެން އެ ރަށުގެ ދެމެހެއްޓެނިވި ތަރައްގީ އަށް ކުރަމުންދާ މަސައްކަތް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން އުކުޅަހަކީ ކުރިން މަސްވެރި ރަށެއް ކަމަށާއި މަސްވެރިކަމުން ލިބުނު ނަފާއިން އެރަށަކީ މިހާރު ޖަޒީރާ ވަންތަ ތަރައްގީއެއް އައިސްފައިވާ ރަށެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އުކުޅަހުން ފެންނަނީ ދެމެހެއްޓެނިވި ތަރައްގީއަށް ރައްޔިތުން އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރާތަން. މިރަށުގައި ލޯކަލް ޓޫރިޒަމް 370 އެނދު އެބަހުރި. ތިމާވެށި ހިމާޔަތްކުރުމަށް ރަށުގެ ރައްޔިތުން ކުރާ މަސައްކަތުގެ ސަބަބަކީ ވެސް ލޯކަލް ޓޫރިޒަމް،" ރައީސް ވިދާޅުވި އެވެ.

އުކުޅަހުން ދަނީ ރަށުގައި ހުރި ކޮންމެ ޓޫރިސްޓު އެނދަކުން ހަތަރު ޑޮލަރު ނަގައިގެން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމު ވެސް ކުރިއަށް ގެންދަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންތައް ދެނެގަނެ އެކަންތައް ފުރިހަމަކޮށްދޭނެ ސަރުކާރަކަށް މި ސަރުކާރު ވާނޭކަމަށެވެ.

comment ކޮމެންޓް