އިޝާ އަމްބާނީގެ ކައިވެނީގައި ބިޔޯންސޭ އާއި ހިލަރީ ކްލިންޓަން ބައިވެރިވި

އިންޑިއާގެ އެންމެ މުއްސަނދި ބިލިޔަނަރު މުކޭޝް އަމްބާނީގެ އަންހެން ދަރިފުޅު އިޝާ އަމްބާނީގެ ކައިވެނީގެ ހަފްލާގައި މަޝްހޫރު ގިނަ ތަރިންބައިވެރިވިއެވެ.

މި ހަފްލާގައި ބައިވެރިވި ގެސްޓުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ހިލަރީ ކްލިންޓަންވެސް ހިމެނެއެވެ. އިޝާގެ ކައިވެނީގެ ހަފްލާގައި ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ބިޔޯންސޭ ވެސް ވަނީ ބައިވެރިވެ ލަވަ ކިޔައިފައެވެ. ބިޔޯންސޭ ލަވަކިޔާފައިވަނީ ކައިވެނީގެ ރަސްމިއްޔާތުތަކުގެ ތެރޭގައި ހިމެނެ ސަންގީތު ސެރެމަނީގައެވެ.

ބިޔޯންސޭ ވަނީ އިންޑިއާގެ ކައިވެނި ހަފްލާތަކުގައި ލާކަހަލަ ލެހެނގާ އެއްގައި ފޮޓޯނަގައި އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައެވެ.

އަހަރުގެ ބޮޑު ކައިވެނީގެ ގޮތުގައި އިޝާގެ ކައިވެނި ކުރެވޭއިރު އޭނާ ކައިވެނި ކުރީވެސް އިންޑިއާގެ މަހުޖަނެއްގެ ދަރިޔަކާއެވެ.

އެ ކައިވެނީގެ ހަފްލާތައް މިދިޔަ ހަފްތާ ބަންދުން ފެށިގެން ކުރިއަށް ދާއިރު ދައުވަތު ދީގެން ގެންނަ މެހެމާނުންނަށް ހާއްސަކޮށްގެން 100 ފްލައިޓު ވަނީ ޗާޓާ ކޮށްފައެވެ.

އިޝާގެ ކައިވެނީގައި މަޝްހޫރު ގިނަ ފަންނާނުންނާޢި ނުފޫޒުގަދަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

މި އަހަރަކީ އިންޑިއާގައި އޭ ލިސްޓު ތަރިންގެ ކައިވެނިތައް ގިނަ އަހަރެކެވެ. އެގޮތުން ބޮލީވުޑްގެ ތަރިންކަމަށްވާ ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ނިކް ޖޯނަސް ވަނީ މިދިޔަ ހަފްތާ ކައިވެނިކޮށްފައެވެ. އެ މީހުންގެ ކައިވެނީގެ ބްރައިޑްސްމެއިޑެއްގެ ގޮތުގައި އިޝާ އަމްބާނީ ބައިވެރިވިއެވެ.

މިދިޔަ މަހު ބޮލީވުޑްގެ ޖޯޑު ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގްވެސް ވަނީ ކައިވެނިކޮށްފައެވެ.

comment ކޮމެންޓް