ކުޑަކުދިންގެ ހައްގުތައް ކަށަވަރު ނުކުރާ ބަޔަކަށް ސަޕޯޓެެއް ނުކުރަން: ޝިދާތާ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓް ހުވާކުރުމާއި ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ކުޑަކުދިންގެ ހައްގުތައް ކަށަވަރު ނުކުރާ، އެ ހައްގުތަކަށް އިހުތިރާމު ނުކުރާ ބަޔަކަށް ސަޕޯޓް ނުކުރައްވާނެ ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް، ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. މިފަދަ މޭރުމަކުން ޝިދާތާ ޓްވީޓުކުރައްވާފައި މިވަނީ ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ، އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިނިވަންކުރުމުން އެކަމާ ގުޅޭ ގޮތުން ޝިދާތާ ބަސްފުޅެއް ވިދާޅުނުވާތީ އާންމުން ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.

ހޯރަ އިއްބެގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފު ދެވޭ ކުށެއް ނޫނެކެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިއްބެގެ އަދަބު ލުއިކޮށްދެއްވީ ބާކީ ފަސް އަހަރު އޮއްވައި މިމަހުގެ ހަ ވަނަ ދުވަހު އެވެ.

އިއްބެ ދޫކޮށްލި ފަހުން ތިން ދުވަސް ވެފައިވާއިރު އާންމުންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަދި ބައެއް ސިޔާސީ ބޭފުޅުން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑު އުފުލައިފަ އެވެ.

https://sun.mv/112616

މި މައްސަލާގައި ޖެންޑާ މިނިސްޓަރު އެތައް ދުވަހެއް ވަންދެން ހަނުހުންނެވުމަށް ފަހު، ރޭ ޓްވީޓެއް ކުރުމުން ވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ. ކުޑަކުދިންގެ ހައްގުތަކަށް އިހުތިރާމު ނުކުރާ ސަރުކާރެއްގައި ނުހުންނަވާ އިސްތިފާ ދެއްވުމަށް ވެސް ބައެއް މޫހުން ވަނީ ޝިދާތާ އަށް އިލްތިމާސް ކޮށްފަ އެވެ.

މި މައްސަލާގައި އެމްޑީޕީ އިން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ޕާޓީގެ ބަޔާނުގައި ބުނީ އިއްބެ ދޫކޮށްލީ އިންސާނިއްޔަތަށް ޓަކައި ކަމަށެވެ. އެ ނޫސް ބަޔާނުގައި ބުނީ 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަދަލުވުމަށް ފަހު، އޭރު އުފެދުނު ސަރުކާރުން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް އަމާޒުކޮށްގެން، ސެލެކްޓިވް ގޮތެއްގައި ޖިނާއީ ޢަދުލުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި ޝަރީޢަތްތަކުގެ ތެރޭގައި އިބްރާހީމް ރަޝީދުގެ ޝަރީޢަތް ހިމެނޭ ކަމަށެވެ. އަދި އެކަން އޭނާގެ އާއިލާއިން ވެސް ފާހަގަކުރާ ކަަމަށް ނޫސްބަޔާނުގައި ބުންޏެވެ.

https://sun.mv/112694

ހޯރަ އިއްބެ ފަހުން ވަނީ އޭނާ ޖިންސީ ގުޅުން ހިންގި ކުއްޖާ އާ ކައިވެނިކޮށްފަ އެވެ. އެ ދެމަފިރިންގެ ދަރިޔަކު ވެސް ހުރެ އެވެ.

comment ކޮމެންޓް