ހޯރަ އިއްބެ ދޫކޮށްލީ އިންސާނިއްޔަތަށް ޓަކައި : އެމްޑީޕީ

ހޯރަ އިއްބެ މިނިވަންވުމަށް ފަހު ނަގައިފައިވާ ފޮޓޯއެއް -- ފޮޓޯ ޓްވީޓާ

ކުޑަކުއްޖަކާ ބެހުނު މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ދޫކޮށްލީ އިންސާނިއްޔަތަށްޓަކައި ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ 2012 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ސަރުކާރު ބަދަލުވުމަށްފަހު، އޭރު އުފެދުނު ސަރުކާރުން އެމް.ޑީ.ޕީ.ގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް އަމާޒުކޮށްގެން، ސެލެކްޓިވް ގޮތެއްގައި ޖިނާއީ ޢަދުލުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގި ޝަރީޢަތްތަކުގެ ތެރޭގައި އިބްރާހީމް ރަޝީދުގެ ޝަރީޢަތް ހިމެނޭ ކަމަށެވެ. އަދި އެކަން އޭނާގެ އާއިލާއިންވެސް ފާހަގަކުރާ ކަަމަށް ނޫސްބަޔާނުގައި ބުންޏެވެ.

އަދި އޭނާގެ ޝަރީޢަތުގައި ހިނގައި ދިޔަ އިޖުރާޢީ ގޯސްތަކަށް ކޯޓުން ރިޢާޔަތްނުކޮށް ދޫކޮށްލައިފައިވަނީވެސް ސިޔާސީ ނުފޫޒުގެ ސަބަބުން ކަަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނީ ހޯރަ އިއްބެ ދޫކޮށްލުމަށް ނިންމި ނިންމުމަކީ އޭނާގެ އާއިލާގެ ހައްގުގައި ނިންމި ވަރަށް ދަތި އުނދަގޫ ނިންމުމެއް ކަމަށެވެ.

" އިބްރާހީމް ރަޝީދުގެ ޙާލަތަށާއި، އެނާގެ ޢާއިލާއާއި ތުއްތު ދަރިފުޅުގެ ޙާލަތަށާއި އަދި މުޅި މިމައްސަލައިގައި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރައްވައި، އިބްރާހީމް ރަޝީދުގެ މައްޗަށްކޮށްފައިވާ ހުކުމްގެ އަދަބު ލުޔިކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އޮންރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތައްޓަކައި ނިންމެވި ނިންމެވުމަކެވެ."

އެމްޑީޕީން ބުނީ އެ ޕާޓީން ކުރިއަށް އޮތް ތަނުގައިވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ހޯރަ އިއްބެ މިނވަންކުރުމަށް ނިންމުމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲވެސް ހިމެެނެއެވެ.

ހޯރަ އިއްބެގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފު ދެވޭ ކުށެއް ނޫނެކެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްބެގެ އަދަބު ލުއިކޮށްދެއްވީ ބާކީ ފަސް އަހަރު އޮއްވަ އެވެ.

comment ކޮމެންޓް