އާންމުންގެ އެދުމާއެކު "ވިޝްކާ"ގެ އިތުރު ޝޯ އެއް އަންނަ ބުރާސްފަތީގައި

"ވިޝްކާ"ގެ މަންޒަރެއް: ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވޭ.

ގިނަ ބައެއްގެ އެދުމާއެކު "ވިޝްކާ"ގެ އިތުރު ޝޯ އެއް 13 ޑިސެމްބަރު (އަންނަ ބުރާސްފަތި) ދުވަހުގެ ރޭ އަޅުވާ ގޮތަށް ނިންމައިފި އެވެ.

އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމުގެ ޝޯއެއް ވަނީ މި މަހު ހައެއްގައި ވެސް އަޅުވައިފަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަދި ފިލްމުގެ ތަރި ރިޝްމީ ރަމީޒް "ސަން"އަށް ބުނީ "ފިލްމު އެޅުވުމަށް ގިނަ ބައެއްގެ ރިކުއެސްޓް ލިބެމުން އަންނަ ކަމަށާއި ފިލްމު އަޅުވާނީ އެރޭ 20:30ގައި ހުޅުމާލޭ ޝްވެކް ސިނަމާގައި" ކަމަށެވެ.

އަދި ފިލްމުގެ ޓިކެޓް ވިއްކުން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށާއި ޓިކެޓްގެ އަގަކީ 100 ރުފިޔާކަމަށް ވެސް އޭނާ ބުންޏެވެ.

ރަވީ ފާރޫގް ޑައިރެކްޓްކޮށް ރިޝްމީ ޕްރޮޑިއުސްކުރި ކްރައިމް ތްރިލާ އެ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ރަވީގެ އިތުރުން ރިޝްމީ އާއި އަހްމަދު ސައީދެވެ.

"ވިޝްކާ" ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް އެކުލަވައިލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެއް ވެސްމެ އެވެ.

ފިލްމްގައި ދައްކުވައިދެނީ އަމިއްލަ އެދުމުން ފޯވެފައިވާ ދެ ފިރިހެނެއްގެ މެދުގައި ތާށިވާ ޒުވާން އަންހެނެއްގެ ވާހަކަ އެވެ.

ދެ ގަޑިއިރާއި 17 މިނެޓްގެ އެ ފިލްމުން ރިޝްމީއަށް ވަނީ ސާކް ފެންވަރުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފަ އެވެ. އޭނާ އަކީ ސާކް ފިލްމު ފެސްޓިވަލުގައި އެ އެވޯޑް މިހާތަނަށް ލިބުނު ހަމައެކަނި ދިވެހި ބަތަލާ އެވެ. މިއީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

comment ކޮމެންޓް