އެމެރިކާއަށް، ފަލަސްތީނު މައްސަލައިގެ ހަގީގަތް އޮޅުވައެއް ނުލެވުނު: ޙަމާސް

އިސްރާއީލުން ޝަހިދުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތެއް

ޣައްޒާ (ޑިސެމްބަރު 8): ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދުގައި އެންމެ އިސްކޮށް އުޅޭ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ހެދުމަށް އެމެރިކާ އިސްވެ އޮވެގެން އދ.ގައި ކުރި މަސައްކަތް ދުނިޔޭގެ ގައުމުތައް ބަލައިނުގަތުމުން އެކަމާމެދު އުފާކުރާކަމަށް އެޖަމާއަތުން ބުނެފިއެވެ.

ޙަމާސްގެ ތަރްޖަމާން ފައުޒީ ބަރްހޫމް ވިދާޅުވީ، ފަލަސްތީނުގެ މިނިވަންޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަކީ ޓެރަރިޒަމްކަމަށް ހެދުމަށް އެމެރިކާއާއި އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވީ އެކަން ބައިނަލްއަގްވާމީ މުޖްތަމައުން ގަބޫލުނުކުރާތީ ކަމަށާއި ދުނިޔޭގެ ގައުމުތަކަށް ފަލަސްތީނު މައްސަލައިގެ ހަގީގަތް އެނގޭކަމާއި އެހަގީގަތް އޮޅުވާނުލެވޭނެ ކަމުގެ މެސެޖް ޖެނެރަލް އެސެމްބްލީގެ ވޯޓުން އެމެރިކާއާއި އިސްރާއީލަށް ލިބިފައިވާނެ ކަމުގައެވެ.

އެމެރިކާއާއި އިސްރާއީލާ އަދި އިސްރާއީލަށް ވާގިވެރިވާ ޔޫރަޕްގެ ގައުމުތަކުން މިހާރުވެސް ދެކެނީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަކީ ޓެރަރިޒަމް ކަމުގައެވެ. ނަމަވެސް އިސްތިޢުމާރާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދުކުރުމަކީ އދ.ގެ ޗާޓަރުގައި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ހައްގެކެވެ. އެމެރިކާއާއި ޔޫރަޕުންވެސް މިކަން ގަބޫލުކުރެއެވެ. ނަމަވެސް މިޖިހާދު އިސްރާއީލަށް އަމާޒުވުމުން މިކަން ހަޖަމު ކުރުމަށާއި ގަބޫލުކުރުމަށް އެމެރިކާއާއި ޔޫރަޕަށް ވަނީ ދަތިވެފައެވެ. ޚުދު އެމެރިކާއަކީވެސް އިނގިރޭސި އިސްތިއްމާރާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދުކޮށްގެން އިނގިރޭސީންގެ އަތްދަށުން މިނިވަންވި ސްޓޭޓްތަކެކެވެ.

އިނގިރޭސީންގެ އިސްތިއްމާރުގެ ދުވަސްވަރު އިނގިރޭސީންނާ ދެކޮޅަށް މިނިވަންކަމުގެ ހަރަކާތްތައް ހިންގި ގައުމުތަކުގައި އެހަރަކާތްތައް ހިންގި ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި އެދުވަސްވަރު އިނގިރޭސީން ސިފަކޮށްފައިވެއެވެ.

ޙަމާސްޖަމާއަތާއި އެނޫންވެސް ފަލަސްތީނުގެ ޖަމާއަތްތައް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި އިސްރާއީލުން ސިފަކުރަނީ އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ އިސްތިއުމާރީ ބާރަކަށްވާތީއެވެ. ފަލަސްތީނުގެ އެހެން ޖަމާއަތްތަކެކޭ އެއްގޮތަށް ޙަމާސް އިންވެސް ޖިހާދުގެ ހަރަކާތްތައް ހިންގަނީ ހަމައެކަނި ފަލަސްތީނުގައެވެ. ފަލަސްތީނުން ބޭރުގައެއް ނޫނެވެ. ފަލަސްތީނުގެ މުޅި ބިމަކީވެސް ހަގީގަތުގައި ގަދަބާރުން އިސްރާއީލު ހިފާފައިވާ ބިމެކެވެ.

ނަމަވެސް އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ރައްދުގައި ހަމާސް އިން އިސްރާއީލަށް ރޮކެޓް ހަމަލާދޭތީ އެމެރިކާ މަސައްކަތްކުރަނީ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ހެދުމަށެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ އާންމުނާ ދެކޮޅަށް ދޭ ސްޓޭޓް ޓެރަރިޒަމްގެ ހަރަކާތްތަކަކީ ޓެރަރިޒަމް ކަމަށް އެމެރިކާ ގަބޫލެއް ނުކުރެއެވެ.

ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ހެދުމަށް އދ.ގެ ޖެނެރަލް އެސެމްބްލީއަށް އެމެރިކާ ހުށަހެޅި ގަރާރަށް ނެގި ވޯޓުގައި އެމެރިކާ ގައުމުތަކަށް ފިއްތުންތައް ކުރިމަތިކޮށްގެންނާއި ބިރު ދައްކައިގެން އެ ގަރާރަށް 87 ވޯޓުގެ އަޣުލަބިއްޔަތެއް ލިބުނެވެ. ނަމަވެސް އެގަރާރު ފާސް ކުރުމަށް ބޭނުންވާ ތިން ބައިކުޅަ ދެބައިގެ ތާއީދު ލިބިފައެއް ނުވެއެވެ. އެގަރާރާ ދެކޮޅަށް 50 ގައުމުން ވޯޓުދީފައިވީ ނަމަވެސް 33 ގައުމުން ވަކިކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ.

ޖެނެރަލް އެސެމްބްލީގައި ހިމެނެނީ 193 ގައުމެވެ. އދ. ގައި ހުންނަވާ އެމެރިކާގެ ހަރުކަށި ސަފީރު ނިކީ ހޭލީ ވަނީ ހަމާސް ކުށްވެރި ނުކުރުމަކީ 193 ގައުމު ހިމެނޭ ޖެނެރަލް އެސެމްބްލީން ހެދި ތާރީޚީ ގޯހެއް ކަމަށް ސިފަކުރައްވައި އެކަމާމެދު މާޔޫސްވެ ވަޑައިގެން ބަޔާނެއް ދެއްވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަކީ އދ.ގެ ގަރާރުތަކަށް ފާޅުގައި ގޮންޖެހުމަށްފަހު ގާނޫނުތަކާ ޚިލާފަށް އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް ވާގިވެރިވަމުންދާ ސަރުކާރެކެވެ. ގުދްސަކީ އިސްރާއީލުން އިސްތިއުމާރުކޮށް ވެރިވެގެންފައިވާ ރަށަކަށްވިޔަސް އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެމެރިކާގެ އެމްބަސީ ވެސް ވަނީ، ޓްރަމްޕް ގުދުސް އަށް ބަދަލުކުރައްވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް