އޭވިއޭޝަންގެ ދާއިރާ އިން ސްކޯލާޝިޕްތަކެއް ތައާރަފުކުރަނީ

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވާހަކަ ދައްކަވަނީ --

އޭވިއޭޝަންގެ ދާއިރާ އިން ސްކޯލާޝިޕް ސްކީމެއް ތައާރަފުކުރަން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ "ނެކްސްޓް ޖެން އޭވިއޭޝަން"ގެ ނަމުގައި ސިވިލް އޭވިއޭޝަން ދާއިރާ އަށް ސްކޯލާޝިޕް ސްކީމެއް ތައާރަފު ކުރައްވާނެ ކަމަށެވެ. މިއީ ސިވިލް އޭވިއޭޝަން ދާއިރާގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ތައާރަފުކުރާ ޕެކޭޖެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

"2034 އަންނަ އިރު އޭވިއޭޝަން ދާއިރާއަށް މިލިއަނަކަށްވުރެ ގިނަ އާ މީހުން ވަޒީފާ އަށް ބޭނުންވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ އޭވިއެޝަން ދާއިރާގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް އައިކާއޯގެ މިންގަނޑުން ކުރިހޯދުމަށް ރާއްޖޭގެ އޭވިއޭޝަންގެ ގާނޫނު އިސްލާހު ކުރަންޖެހިފައިވާ ކަމަށެވެ. އެ ގާނޫނަށް މިހާރު 17 އަހަރު ވެފައިވާއިރު ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަށް އައިސްފައިވާ ތަރައްގީއާއި، އަންނަމުންދާ ތަރައްގީއާ އަޅާބަލާއިރު އެ ގާނޫނު ބަދަލުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މިއާއެކު ފަސިންޖަރުންގެ ހައްގުތަކާ ބެހޭ ގާނޫނު އެކުލަވާލުމަށް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅޭނެ،" ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

އޭވިއޭޝަން ދާއިރާ އަކީ ރާއްޖޭގެ ޖީޑީޕީގެ ބޮޑު ހިއްސާ އެއްކަމަށާއި ރާއްޖޭގެ އިގްތިސޯދުގެ 40 ޕަސެންޓަކީ އޭވިއޭޝަންގެ ދާއިރާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ގެންގުޅޭ "އޯޕަން ސްކައި: ސިޔާސަތު ދަމަހައްޓައި ވާދަވެރި ސިނާއަތަކަށް އޭވިއޭޝަން ދާއިރާ ހައްދަވާނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވައިގެ ދަތުރުފަތުގެ ހިދުމަތް ބޭނުންވާ ކަމަށާއި އެކަން ފުރިހަމަކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކަށް ފްލައިޓު އިތުރުކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވަނީ ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

"ރާއްޖެއަކީ ކަނޑުގެ އިންސައްތަ ބޮޑު ގައުމެއް. ގައުމުގެ އާބާދީގެ ބޮޑުބަޔަކަށް ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދިނުމަކީވެސް އަމާޒެއް،" މިނިސްޓަރު ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރެއްވިއްޖެ ނަމަ އެކަން ކާމިޔާބު ވާނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލް ވިދާޅުވީ ރާއްޖޭގައި ހުއްދަ ދެވިފައިވާ ހުރިހާ އެއާލައިނަކާއި އެއާޕޯޓެއްގެ ސޭފްޓީ އޮޑިޓެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް