އެކްސިޑެންޓްވީ މީހާގެ ބޭސްފަރުވާއަށް މިދަނީ އެހީވަމުން: އަލީ ސޯލިހް

އަލީ ސޯލިހަށް މަޤާމުގެ ފަތްކޮޅު ރައީސް ސޯލިހް އަރުއްވައި ސަލާމް ކުރައްވަނީ -- ރައީސް އޮފީސް

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އިއްޔެ އައްޔަނު ކުރި އަލީ ސޯލިހް ދުއްވަމުން ގެންދިޔަ ކާރުން ޖެހި ޒަހަމްވި މީހާގެ ބޭސް ފަރުވާއަށް އެހީތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ލިންކް ރޯޑްގައި ހިނގި ހާދިސާގައި ކާރުން ޖެހި ޒަހަމްވީ ސައިކަލްގައި އިން ޒުވާނެކެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އޭނާ ފަހުން އިތުރު ފަރުވާއަށް ވަނީ މާލެވެސް ގެނެސްފައެވެ.

އެ ހާދިސާއާ ގުޅިގެން ސޯލިހް ޒިންމާ ނުނަގަންވެގެން ފިލައިގެން އުޅޭކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ވަރަށް ބޮޑަށް މީސްމީޑިއާގައި ފާޑުކިޔަމުންނެވެެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި ސޯލިިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" ސައިކަލްގައި އިން މީހާ މައްސަލަ ޖައްސަން ބޭނުން ނުވެ އެދުނީ ކުއްޖާގެ ބޭސްފަރުވާ ކަމުން އެހީތެރިވަމުންދަނީ. މާލެ އައުމަށް ޓިކެޓްވެސް ދިނިން. ސައިކަލް ހަދަންވެސް ހަވާލުވިން." އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ އެ މައްސަލައިގައި ގާނޫނީ ގޮތުން ކުރިމަތިލާން ޖެހޭ ކޮންމެ ކަމަކާ ކުރިމަތިލާނެ ކަަމަށާއި އެހެންނަަމަވެސް މިވަގުތު މުހިންމީ އަނިޔާ ލިބުނު ފަރާތަށް ބޭސްފަރުވާގެ ކަންކަމުގައި އެހީތެރިވުން ކަމަށެވެ.

އަލީ ސޯލިހް ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައެވެ. އަދި މި ދަނޑިވަޅު ޖޭޕީގެ ފަރާތުން ސަރުކާރުގެ އެކި އެކި މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކާ މެދު އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް