މާ ގިނައިން ނިދުމަކީ ވެސް ހިތުގެ ބަލިޖެހޭނެ ކަމެއް

ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ނިދުމަކީ އޭގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވާނެ ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފިއެވެ.

ޔޫރަޕިއަން ހާޓް ޖާނަލްގައި މިދިޔަ ބުދަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ބޮޑު މީހަކަށް ދުވާލަކު ބޭނުންވާނީ ހަ ގަޑިއިރު ގެ ނިދި ކަމަށާއި ކުޑަ ކުދީންނަށް އަށް ގަޑިއިރުގެ ނިދި ބޭނުންވާ ކަމަށެވެ. އަދި މާގިނައިން ނިދުމަކީ ހިތުގެ ބަލިތައް ޖެހިދާނެ ކަމެއް ކަމަށެވެ.

ދުނިޔޭގެ ހަތް ސަރަހައްދަކުން، 21 ގައުމަކުން މައުލޫމާތު އެއްކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާގައި ބުނީ އަށް ގަޑިއިރަށް ވުރެ ގިނަ އިރު ނިދަން އާދަކުރާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޮޑު ކަމަށެވެ. މި ފަދަ މީހުންނަށް ސްޓްރޯކު ޖެހުމާއި ހާޓް އެޓޭކު ޖެހުމުގެ ފުރުސަތު 41 ޕަސެންޓު ބޮޑުކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާގައި އިތުރަށް ބުނެފައިވަނީ ދުވާލު ގަޑީގައި ނިދުމާއި ރޭގަނޑު ހަމަ ނިދި ނުލިބުމާވެސް ގުޅިފައިވާ ކަމަށެވެ. އެކަމަކީ ހިތުގެ ބަލިތަކަށް ހުޅުވޭ އިތުރު ދޮރެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ހަށިގަނޑަށް ބޭނުން ވާ ވަރަށްވުރެ މަދުން ނިދުމަކީވެސް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ނިދި މަދުވުމުން ނުވަތަ ބޭނުންވާ ވަރަށް ވުރެ ގިނައިން ނިދުމުން ހިތުގެ ބަލިޖެހޭ ސީދާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް