ޕާކިސްތާނަކީ އެމެރިކާއިން ގެންގުޅޭ ކުލީ ބައެއް ނޫން: އިމްރާން ޚާން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން -- ފޮޓޯ: ރޮއިޓާސް

ޕާކިސްތާނަކީ އެމެރިކާއިން ބުނާހާ ގޮތެއް ހަދާނެ ކުލީބައެއްގެ ގޮތުގައި ދެކިގެން ނުވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ޚާން ވިދާޅުވީ އެމެެރިކާއާ ގުޅުން ބާއްވާން ބޭނުންވާ ކަމަށެވެ.

" އެމެރިކާ ކަހަލަ ދުނިޔޭގެ ވަރުގަދަ ބާރަކާއެކު ގުޅުން ބާއްވަން ބޭނުންނުވާނީ ކާކު؟ އެހެން ނަމަވެސް އަޅުގަނޑު ބޭނުމެއް ނޫން ޕާކިސްތާނަކީ އެމެރިކާއިން ކުއްޔަށް ހިފައިގެން ގެންގުޅޭ ބަޑިއެއްހެން އެ ގުޅުން އޮންނާކަން. އެެމެރިކާގެ މަސްލަހަތު ހިފެހެއްޓުމަށް ޕާކިސްތާނުން ހަނގުރާމަ ކުރުމަކީ އަޅުގަނޑުމެންގެ އެތައް ބަޔަކު މަރުވެ މުޅި "ގަބީލާ" ސަރަހައްދަށްވެސް އޭގެ އަސަރު ފޯރާ ކަމެއް. ހުދު އަޅުގަނޑުމެންނަށްވެސް ހުރި ލަދެއް އެއީ." އިމްރާން ވިދާޅުވިއެވެ.

ޓެރެރިޒަމްއާ ދެކޮޅަށް އެެމެރިކާއިން އަފްގާނިސްތާނުގައި ކުރަމުންގެންދާ ހަނގުރާމައިގައި ޕާކިސްތާނަކީ އެމެރިކާގެ ބައިވެރިއެކެވެ. އެހެން ނަމަވެސް އެ ހަނގުރާމައާ ޕާކިސްތާނުގެ އާންމުން ވަރަށް ބޮޑަށް ދެކޮޅެެވެ. އަދި އެ ހަނގުރާމައާ ގުޅިގެން ތޯލިބާން ޖަމާއަތް ފަދަ ހަރުކަށި ޖަމާއަތްތަކުން ބަދަލުހިފުމުގެ ގޮތުން ޕާކިސްތާނުގެ ސިފައިންނަަށާއި އަދި އާންމުންނަށް ވަރަށް ގިނަ ހަމަލާތަކެއް ވަނީ ދީފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ ޕާކިސްތާނުން ޓެރެރިޒަމާ ދެކޮޅަށް އެއްބާރުލުން ނުދޭ ކަމަށްބުނެ އެގައުމަށް ދެމުން އައި ބިލިއަން ޑޮލަރުގެ އެހީތައްވެސް ހުއްޓާލައިފައެވެ. އަދި ދާދި ފަހުން ޓްރަމްޕް ވަނީ ޓުވިޓާގަައިވެސް ޕާކިސްތާނާ ދެކޮޅަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެެވެ.

އިމްރާން ހާން ވިދާޅުވީ ޗައިނާއާ ޕާކިސްތާނާ ދެމެދުވެސް ވިޔަފާރިއާ އަދި އެހެނިހެން ރޮނގުތަކުން ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި އަދި އެމެރިކާއާވެސް ބޭނުންވަނީ އެފަދަ ގުޅުމެއް ބާއްވަން ކަމަށެވެ.

ޓެރަރިސްޓުންނަށް އަމާޒުކޮށް ކަމަށް ބުނެ އެމެރިކާއިން ޕާކިސްތާނުގެ އެންމެ އެތެރެއަށް ދެމުންގެންދާ ޑްރޯން ހަމަލާތަކާ ދެކޮޅަށްވެސް އިމްރާންވަނީ ވާހަަކަ ދައްކަވައިފައެވެ.

" ކާކު ހުއްދަ ދޭނީ އެންމެ ޓެރަރިސްޓަކު މަރަން ޑްރޯން ހަމަލާ ދީފައި 10 ރައްޓެހިން މަރާފައި އަދި އެތަކެއް އަވައްޓެރިންނެއް މަރަން. ދުނިޔޭގެ އެއްވެސް ގައުމެއްގެ ރަހުމަތްތެރި ގައުމަކުން އެ ގައުމަކަށް ބޮން އަޅާނެތަ؟" އިމްރާން ޚާން ވިދާޅުވިއެވެ.

comment ކޮމެންޓް