ކޮމަންވެލްތުގެ އުސޫލުތަކުގައި ސާބިތުވެ ތިބޭނަން: ރައީސް ޞާލިހް

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑް-- ފޮޓޯ: ޔޫޓިއުބް

ކޮމަންވެލްތުގެ އުސޫލުތަކުގައި ސާބިތުވެ ހުންނަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރުމާ ގުޅިގެން ރައީސް ޞާލިހް އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑަށް އަރިސްކޮށް ފޮނުއްވި ސިޓީގައި ވިދާޅުވީ ކޮމަންވެލްތުގެ ޗާޓަރާއި އަދި ހަރާރޭ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި ސާބިތުކަމާއެކީ ހުންނަވާނޭ ކަމަށެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ ރާއްޖެއިން ޑިމޮކްރަސީގެ އުސޫލުތަކުގައި ހިފަހައްޓައި، ސަރުކާރު ހިންގުން ހަރުދަނާކޮށް، އިންސާނީ ހައްގުތަަކާއި ދެ ޖިންސްގެ ހަމަހަމަކަމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ. އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކާ އެކަހެރިވެ އެ ކަންތައްތައް އެ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

ކުޑަ ގައުމެއްގެ ހައިސިއްޔަތުން ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއި އަދި ޑިމޮކްރަސީ ހަރުދަނާކުރުމުގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އަޑު އިއްވަން ބޭނުންވާ ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖެއިން ކޮމަންވެލްތުގައި އޮތް ދުވަސްވަރު ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވި މަސައްކަތްތައް ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖެއަށް ލިބުނު ސްކޮލަޝިޕްތަކާއި ކުޅިވަރުގެ ފުރުސަތުތަކުގެ ސަބަބުން ގައުމުގެ އެކި ފަންނީ ދާއިރާތައް ތަރައްގީވެގެން ދިޔަކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް