ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ އިނގިލި ބީއެމްއެލްއާ އެމްއެމްއާ ދިމާލަށް

ކުރީގެ ރައިސް އަބްދުﷲ ޔާމިން ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި ބޭންކުތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ޖަވާބުދާރީވާން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ޓިކެޓް ދިނުމަށް މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެެއްވަމުން ޔާމީން ވަނީ އެމްއެމްޕީއާރުސީ އަށް ދޫކުރާ ޗެކެއް ބޭންކުތަކާއި އެމްއެމްއޭއަށް ނޭނގި އެސްއޯއެފްގގެ އެކައުންޓަށް ޖަމާ ނުވާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ.

"މިއީކީއެއް ނަގުދު ފައިސާއެއް ނޫން ފޮށި ފޮށިގަނޑުގައި މި ގެންދިޔައީކީ. މިއީ ބޭންކިން ނިޒާމުގެ ތެރެއިން ހިންގާފައި ހުރި ކަންތައް. ބޭންކިން ނިޒާމުގެ ތެރެއިން މިވަރުގެ ކަންކަން ހިނގާފައިވާ ކަމަށް ވަންޏާ ބޭންކުގެ ކޮންމެވެސް ލެވަލްއަކުން މިކަމަށް ޒިންމާ އުފުލަން ޖެހޭނެ. އެއީ އެންމެ ޗެކަކުން ނޫން މި ފައިސާ މިހެން ބަދަލުވެފައި ހުރީ. ވަރަށް ބައިވަރު ޗެެކެއް މިހިރީ މިހެން ބަދަލުވެފައި." ޔާމިން ވިދާޅުވި އެވެ.

"ތަކުރާރުކޮށް، މި ޗެކުތައް ޖަމާކުރަމުން މި ގެންދަނީ ބޭންކް އޮފް މޯލްޑިވްސް އަށް. ބޭންކް އޮފް މޯލްޑިވްސް އިން އެބަ ޖެހޭ ނޫންތޯ މި ޖަމާ ކުރާ މީހުން މިޔަށް އެއްޗެއް ބުނަން،"

"މީގެ މައްސަލައަކީ ކީއްވެގެން ހެއްޔޭ، ބޭންކުތަކުގެ ތެރެއިން މިކަން ކޮށްދިނީ؟"

ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީއަށް ކްރޮސްކޮށްފައިވާ ޗެކެއް ޖަމާކޮށްދޭ އިރު އެސްއޯއެފް އަކީ ޕްރައިވެޓު ކުންފުންޏެއްތޯ ސަރުކާރު ކުންފުންޏެއްތޯ ބޭންކުތަކަށް އެނގެން ވާނެ ކަމަށެވެ. އަދި ސަރުކާރަށް ވަންނަ ފައިސާ ޖަމާ ވާން ވާނީ މީރާއަށް ކަމެއް ނޭނގޭ ކަމަށް ބޭންކުތަކުން ބުނެގެން ނުވާނެ ކަަމަށް ޔާމީން ވިދާޅުވި އެވެ.

"އަދި އެމްއެމްއޭގެ ކްލިއަރިން ހައުސް. ޗެކް ޖަމާވުމަށް ފަހު ދެން ބޭންކުން ފޮނުވާނީ އެމްއެމްއޭއަށް. އެމްއެމްއޭއަށް ފޮނުވީމަ އެމްއެމްއޭގެ އެކައުންޓުން، ދެ ބޭންކު ދޭތެރޭ އުޅޭ މުއާމަލާތެއް ކަމަށް ވަންޏާ އެއް ބަޔަކަށް ކްރެޑިޓް ކޮށްފައި އަނެއް ބަޔަކަށް ޑެބިޓް ކުރާނީ. އެމްއެމްއޭ ޗެކް ކްލިއާ ކުރަން އުޅޭ ޑިޕާޓްމެންޓަށް ވެސް އެނގެން ވާނެ ތަކުރާރުކޮށް އެމްއެމްޕީއާރްސީއަށް ވަންނަ ޗެކުތަކެއް އެސްއޯއެފްއަށް ވަނަންޏާ އެމްއެމްއޭއަށް އެނގެން ވާނެ.

އެމަނިކުފާނު ވިދާޅުވީ، ޖިނާއީ ތަހުގީގެއް ހިންގައިފިއްޔާ ޖަވާބުދާރީ ވާން ޖެހޭނީ ބޭންކުތަކާއި އެމްއެމްއޭ ކަމަށެވެ.

އެފަދަ ބޮޑު ހިޔާނާތެއް ހިނގާ އިރު އެކަން ރައީސަށް އެނގޭނެ ކަމަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން ޔާމީނާ ސުވާލު ކުރުމުން ވިދާޅުވީ، އެކަން ހުއްޓުވަން ފިޔަވަޅު އަޅާފައި ވާނީ ސީދާ ރައީސް އޮފީހުން ކަމަށެވެ. އަދި އެކަމުން އެމަނިކުފާާނަށް ފައިދާ ވާ ނަމަ އެމަނިކުފާނު އެކަން ހުއްޓުވާނީ ކީއްވެތޯ ސުވާލު ކުރެއްވެވި އެވެ.

comment ކޮމެންޓް