ކޮމިޝަންތަކަށް ބާރު ދޭ ބިލު ފާސްކޮށްފި ނަމަ ކޯޓަށް ދާނަން: ޔާމީން

6 ޑިސެމްބަރު 2018: މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ

އިންސާފުން ނުބަލާ ހުރި މަރުގެ މައްސަލަތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސް ކޮށްފި ނަމަ، އެކަން ބަދަލު ކުރުމަށް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ، މިރޭ ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ޓިކެޓު ހަވާލު ކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ޔާމީން ވިދާޅުވީ، ބާރުތައް ދިނުން ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެކަމުގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ، ބާރުތައް ދިނުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، ކޮމިޝަންތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުމުން، އެއީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ މެމްބަރުން ވަނީ މަޖިލީހުގެ ތެރޭގައި އިހުތިޖާޖުވެސް ކުރައްވާފަ އެވެ.

ކޮމިޝަންތަކަށް ދީފައިވާ ބާރުތައް

  • ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުން
  • ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން
  • ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން
  • ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން
  • ބަލާ ފާސްކޮށް ތަކެތި ހިފެހެއްޓުން
  • މައްސަލައާ ގުޅުުން ހުރި މީހުންގެ ބޭންކް އެކައުންޓް ފްރީޒް ކުރުން
  • ކޯޓު އަމުރަށް އެދެވުން

ކޮމިޝަނަށް ވަނީ ހާއްސަ އިމްތިޔާޒުތަކެއް ވެސް ދީފަ އެވެ. އެގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާ މައްސަލަތައް ބަލަން ވާނީ ހަމައެކަނި އެކޮމިޝަނުން ކމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެހެން އޮތުމުން ފުލުހުންނަށް ކޮމިޝަނުން ބަލާ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ އެވެ. އޭގެ އިތުރުން ކޮމިޝަނުން ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާ ނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އެ ދެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ލިޔެފަ އެވެ. އެފަދަ ފަރާތެއްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅޭނެ ކަމަށްވެސް ބިލުގައި ވަނީ ލިޔެފަ އެވެ. ކޮމިޝަނުން ބަލާ މައްސަލަތައް ތަހުގީގުކޮށް ނިމުމުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވެ އެވެ. އަދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާތާ 15 ދުވަސްތެރޭގައި ދައުވާ ކުރަން ފޮނުވަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ. އަދި ޕީޖީ އޮފީހުން އެ ކޮމިޝަނުގެ މައްސަލައެއް ދައުވާ ކުރާތާ 60 ދުވަހުގެ ތެރޭގައި ނިންމައި ހުކުމް ކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ލިޔެފަ އެވެ.

އެ ދެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ރިޕޯޓެއް ކޮންމެ ތިން މަހަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ކޮމިޝަންތަކަށް ގިނަ ބާރުތަކެއް ދޭން ހުށަހެޅި ބިލާ ދެކޮޅަށް ޕީޕީއެމްގެ މަޖިލިސް މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވަމުން ދަނިކޮށް ބިލް ބަލައިގަނެ، ކޮމެޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ.

comment ކޮމެންޓް