އިސްރާއީލުގެ އުފެއްދުންތައް ބޮއިކަޓްކުރާ ގަރާރެއް އަޔަލޭންޑުން ފާސްކުރަނީ

އަޔަލޭންޑްގެ ސެނެޓް

ޑަބްލިން (ޑިސެމްބަރު 6): ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކުގައި އުފައްދާ ތަކެތި އިންޕޯޓްކުރުން މަނާ ކުރާ ގަރާރެއް ތަސްދީގުކުރުމަށް އަޔަލޭންޑްގެ ސެނެޓުން ތައްޔާރުވެއްޖެއެވެ.

މި ގަރާރަށް ތާއީދުކުރައްވާ އަޔަލޭންޑްގެ ސެނެޓްގެ ބައެއް މެންބަރުން ވިދާޅުވީ އެގައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ފާސްކޮށްފައިވާ ގަރާރެއް ތަސްދީގުކުރުމަށް ސެނެޓްގެ އަޣްލަބިއްޔަތު ލިބޭނެ ކަމުގެ ޔަގީންކަން އޮތްކަމުގައެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކުގައި އުފައްދާ ތަކެތި އިންޕޯޓްކުރުން މަނާ ކުރާ ގަރާރު އަޔަލޭންޑްގެ ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކޮށްފައިވަނީ މިދިޔަ ބުދަދުވަހުއެވެ.

މިކަމަށް ކޭންޕޭން ކުރަމުން ގެންދަނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ޔަހުދީ ވަޒަންވެރިން އުފައްދާ ތަކެތި ބޮއިކަޓް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ހަރަކާތްތެރިވަމުންދާ ބީޑީއެސް ހަރަކާތުންނެވެ.

ބީޑިއެސް ހަރަކާތަކީ ބޮއިކަޓް، ޑިސްއިންވެސްޓްމަންޓް، ސަންކްޝަންސް ނަމަކަށް ކިޔާ ހަރަކާތެކެވެ. އެ ހަރަކާތުން މަސައްކަތް ކުރަނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކުގައި އުފައްދާތަކެތި ބޮއިކަޓް ކުރުމަށާއި އެއަވަށްތަކުގައި އިންވެސްޓް ނުކުރުމާއި އެއަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށެވެ.

ބީޑީއެސް ހަރަކާތުން ކުރަމުން ގެންދާ މިމަސައްކަތްތަކަށް ދުނިޔޭގެ ގައުމުތަކުގެ އާންމުންގެ ވަރަށް ބޮޑު ތާއީދެއް ދަނީ ލިބެމުންނެވެ. އިސްރާއީލުގެ ހަރުކަށި އަމަލުތަކަށް ވާގިވެރިވާ އެމެރިކާގެ އާންމުންގެ މެދުގައިވެސް ބީޑީއެސް ހަރަކާތް ވަނީ މަގްބޫލު ހަރަކާތަކަށް ވެފައެވެ.

ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކުގައި އުފައްދާ ތަކެތި އިންޕޯޓްކުރުން މަނާ ކުރާ ގަރާރު އަޔަލޭންޑްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ފާސްކޮށްފައިވާއިރު އަޔަލޭންޑްގެ ސެނެޓުން އެގަރާރު ތަސްދީގުކޮށްފިނަމަ އެތަކެތި އިންޕޯޓްކުރުން މަނާކުރުމަށް އަޔަލޭންގެ ސަރުކާރަށް މަޖްބޫރުވެގެންދާނެއެވެ. (އަނަތޯލިޔާ)

comment ކޮމެންޓް