އެމްއެލްއެސްޑީޕީ އިން 3000 މީހުންގެ ސޮއި ހަމަކޮށް އީސީ އަށް ހުށަހަޅައިފި

އެމްއެލްއެސްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރާ ފަރާތްތައް-- ފޮޓޯ:

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުައްދަ ދީފައިވާ ފަރާތުން، އެ ޕާާޓީ އުފައްދަން 3000 މީހުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

އެމްއެލްއެސްޑީޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީން އަށެވެ. ނިމި ދިޔަ އޮކްޓޯބަރު މަހުގެ ފަހު ކޮޅު 3000 މީހުންގެ ސޮއި ލިބިފައިވާ ކަމަށް ހަސީން ވަނީ "ސަން" އަށް ވިދާޅުވެފަ އެވެ.

އެ ފޯމުތައް މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު ވަނީ "ސަން" އަށް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، މިހާރު އިލެކްޝަންސް ކޮމިޝަނުން ދަނީ އެ ފޯމުތަކުގެ ތެރެއިން 3000 ސައްހަ ފޯމު ހުރިތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެލްއެސްޕީޑީގެ އާންމު ޖަލްސާއެއް ބާއްވަން ފުރުސަތު ދެވޭނީ 3000 މީހުންގެ ފޯމު ހަމަވުމުން ކަމަށެވެ.

އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނީ އެ ޕާޓީގެ އާންމު ޖަލްސާއެއް ބާއްވައި އެ ޖަލްސާގައި، އެ ޕާޓީގެ އަސާސީ ގަވާއިދާއި އެހެނިހެން މުހިންމު ކަންތައްތައް ފާސް ކުރުމަށް ފަހު، އެ ފާސް ކުރި ކަންތައްތައް އިލެކްޝަންސް އަށް ހުށަހެޅުމުން، އިލެކްޝަންސް ކޮމިޝަނުންނެވެ.

އެމްއެލްއެސްޑީޕީ އުފައްދަން ސޮއި ހަމަ ކުރުމަށް، އެ މަސައްކަތް ކުރާ ފަރާތްތަކުން ވަނީ، ރާއްޖޭގެ އެންމެ ބޮޑު ޖަމިއްުޔާތަކުގެ ތެރޭގައި ހިމެނޭ ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްް (ޓޭމް)ގެ ތާއީދު ހޯދާފަ އެވެ.

އެމްއެލްއެސްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މީގެ ކުރިން ނެފެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީ ވެގެންދާނީ މެދު ވާތް (ސެންޓްރަލް ލެފްޓް) ފިކުރުގެ ޕާޓީއަކަށް ކަމަށެވެ. އަދި އެ ޕާޓީގެ ފިކުރު ބިނާވެގެން ވަނީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ހަރަކާތްތަކާއި ސޯޝަލް ޑިމޮކްރްސީގެ އުސޫލުތަކަށް ކަމުގައިވާ އިރު އެ އުސޫލުތައް ކުރިއަރުވާނީ ރާއްޖޭގެ މުޖްތަމައުއާއި އިސްލާމީ އުސޫލުތަކާ ގުޅޭ ގޮތަށް ކަމަށް ބަޔާނުގައިވެ އެވެ.

comment ކޮމެންޓް