ދެ ކޮމިޝަނަށް ގާނޫނީ ބާރުދޭ ބިލު ގާނޫނު އަސާސީއާ ހިލާފު ކަމަށް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާ -- ސަން ފައިލް ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް، "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" އޮތީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބާރުތައް ހަނިވާ ގޮތަށް، ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.

މަރުތަކާއި ހިޔާނާތްތަކުގެ މައްސަލަތައް ތަހުގީގު ކުރާ ދެ ކޮމިޝަނަށް ބާރުދޭ ގޮަތަށް، ސަރުކާރު ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ.

މިދިޔަ އަންގާރަ ދުވަހު އެ ބިލް މަޖިލީހަށް ބަލައިގަނެ، ބިލް ދިރާސާ ކުރުމަށް ސަރުކާރުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ބިލާ މެދު ގާނޫނީ ލަފައަކަށް އެދިފައި ވާތީ، އެ ކަމާ ބެހޭ ގޮތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފިލްޒާ މިދިޔަ އަންގާރަ ދުވަހު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، ބިލު މިހާރު އެ ބިލު އޮތް ގޮތުން ފުލުހުންށާއި އޭސީސީ އަދި ތަހުގީގީ އިދާރާތަަކަށް ދޭ ބާރުތައް ހަނިވާ ކަމަށެވެ. އަދި އެއީ ރައީސްގެ ގަރާރަކުން ވިޔަސް އެ މުއައްސަސާތަކުގެ ބާރު ހަނިވާ ގޮތަށް ގާނޫނެއް ހެދިގެން ނުވާނެ ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ.

https://www.sun.mv/112523

ބިލު އޮތީ ރައީސްގެ ދެ ގަރާރުގައި ކަނޑައެޅުއްވި މަސްއޫލިއްޔަތުގެ ދާއިރާ އަށް ވުރެ، ދެ ކޮމިޝަންތަކުގެ މަސްއޫލިއްޔަތު މާ ފުޅާކޮށް ކަމަށް ފިލްޒާ ފާހަގަ ކުރެއްވި އެވެ.

ދެ ކޮމިޝަނަށް ބިލްގައި ދީފައިވާ ބާރުތައް

  • ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން
  • ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން
  • ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން
  • ބަލާ ފާސްކޮށް ތަކެތި ހިފެހެއްޓުން
  • މައްސަލައާ ގުޅުުން ހުރި މީހުންގެ ބޭންކް އެކައުންޓް ފްރީޒް ކުރުން
  • ކޯޓު އަމުރަށް އެދެވުން
  • ކޮމިޝަނުން ބަލަން ކަނޑައަޅާ މައްސަލަތައް އިތުރު އެއްވެސް މުއަސަސާ އަކުން ނުބެލުން
  • ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާ ނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލު ކުރަން
  • ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައެޅުން

ފިލްޒާ ވިދާޅުވީ ތަހުގީގީ އިދާރާތަކަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުން ލިބިގެންވާ ބާރުތަކަށް ވުރެ ބޮޑަށް ދެ ކޮމިޝަނަށް ބާރުތައް ދިނުމަށް ބިލްގައި ހިމަނާފައިވާ ކަމަށެވެ.

އެ ދެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ތަހުގީގީ އިދާރާއެއް ކަމަށް ބިލްގައި ބުނެފައިވެ އެވެ.

ނަމަވެސް ދެ ކޮމިޝަނަށް ލިބޭ ބާރުތަކަށް އަމަލު ކުރާނީ ކޮން އުސޫލުތަކަކާއި ހަމަތަކުން ކަމެއް ބިލްގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ.

ފިްޒާގެ ހަ ސަފްހާގެ ސިޓީގައި ރިޔާއަތްކޮށްފައިވާ ކޮންބޮޑުވުންތަކަކީ، ބިލު މަޖިލީހަށް ބަލައިގަތުމަށް ފަހު، މަޖިލީހުގެ އެކި އެކި މަރުހަލާތަކުގައި، ކޮމިޓީ މަރުހަލާގައިވެސް ހިމެނޭ ގޮތުން އެ ބިލް އިތުރަށް އިސްލާހު ކުރެވޭނެ ފުރުސަތު އޮތްކަމަށް ފިލްޒާ ވަނީ ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް