ލިވަޕޫލް މޮޅުވިއިރު، ޔުނައިޓަޑާއި އާސެނަލް އެއްވަރުވެއްޖެ

ޔުނައިޓަޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން---

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑްއިން އާސެނަލް ހިފަހައްޓައިފިއެވެ.

މެޗު އެއްވަރުވީ 2-2 އިންނެވެ. ބޯޅަ ހިފަހައްޓައިގެން އާސަނަލްއިން ގިނަ ވަގުތު ކުޅުނުއިިރު މެޗުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ 26 ވަނަ މިނެޓުގައެވެ. މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ޝޮރްދާން މުސްތަފީއެވެ. އޭނާ ޖެހި ބޯޅަ ގޯލުތެރެއަށްވަނީ މެންޔޫގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައެވެ.

އާސެނަލުން މެޗުގެ ލީޑު ނެގިތާ ހަތަރު ވަރަކަށް މިނެޓް ތެރޭ އެންތަނީ މާޝިއަލް ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އާސެނަލުން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 68 ވަނަ މިނިޓުގައި ޔުނައިޓެޑްގެ މާކޯސް ރޯހޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޖެހިގެން އައި މިނެޓުގައި މެންޔޫއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައެވެ. މި ލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ ޖެސީ ލިންގާޑްއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ 30 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ. އަދި މެންޗަސްޓާ ޔުނައިޓެޑް އޮތީ 22 ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.

ޔުނައިޓެޑާއި އާސެނަލް މެޗު ރޭ އެއްވަރުވިއިރު، ލިވަޕޫލުން ވަނީ ރަށުންބޭރުގައި ކުޅެ 3-1 އިން ބާންލީ އަތުން މުހިއްމު މޮޅެއް ހޯދައިފައެވެ.

ލިވަޕޫލުން ފަހަތުން އަރައި މޮޅުވިއިރު އެ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާ، ރޮބާޓޯ ފިރްމީނޯ އަދި ޒެރްޑަން ޝަގީރީ އެވެ.

ތާވަލްގެ ދެވަނައިގައި ލިވަޕޫލް 39 ޕޮއިންޓާއެކު އޮތްއިރު ތާވަލްގެ އެއްވަނަ، ސިޓީއަށް ލިބެނީ 41 ޕޮއިންޓާއެކުއެވެ. ތާވަލްގެ ތިންވަނައިގައި އޮތީ ސައުތެމްޓަން އަތުން 3-1 އިން މޮޅުވެ، 33 ޕޮއިންޓާއެކު ޓޮޓެންހަމްއެވެ.

comment ކޮމެންޓް