އެއްވެސް ވަކީލެއްގެ ހުއްދަ ނުގެއްލޭގޮތަށް ބިލަށް ބަދަލުގެނެސްފި

އެއްވެސް ވަކީލެއްގެ ހުއްދަ ނުގެއްލޭގޮތަށް ގާނޫނީ ހިދުމަތުގެ ބިލަށް ބަދަލުގެނެސްފިއެވެ.

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ގާނޫނީ ވަކީލެއްގެ ހުއްދަ ބާތިލްނުވާގޮތަށް ގާނޫނީ ހިދުމަތުގެ ބިލު ބަދަލުކުރަން ނިންމާފައިވާ ކަމުގައި ދަންނަވާ ކަމަށެވެ.

މިއާއެކު ހަމައެކަނި ޝަރީއްޔާ ކިޔަވާފައިތިބި މީހުންގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވާނެކަމަށް އޮތް ބިރު ފިލައިގެން ދާނެއެވެ.

ގާނޫނީ ހިދުމަތުގެ ބިލު ފުރަތަމަ އެކުލަވާލާފައިވަނީ ހަމަ އެކަނި ޝަރީއާ ކިޔަވައިގެން ވަކީލުންނަށް ނުވެވޭ ގޮތަށެވެ. ގާނޫނީ ހިދުމަތުގެ ބިލަކީ ބާ އެސޯސިއޭޝަނެއް އުފެއްދުމާއި އެ އެސޯސިއޭޝަނަށް ވަކީލުންނާ ބެހޭ ހުރިހާ ބާރުތަކެއް ދޭ ގޮތަށް އެކުލަވާލާފައިވާ ބިލެކެވެ.

އެ ބިލު ގާނޫނަކަށް ވުމުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޭނީ ބާ އެސޯސިއޭޝަނުން ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.

ބިލުގައި ވަނީ ވަކީލު ކަމުގެ ހުއްދަ އާ ކުރުމާއި ދެމި އޮންނާނެ ގޮތް ބަޔާންކޮށް ވަކި ޝަރުތުތަކެއް ލިޔެފައެވެ. އެގޮތުން ވަކީލު ކަމުގެ ހުއްދަ އާ ކޮށްދޭނީ ގާނޫނީ ވަކީލު ކަމުގެ ސަނަދު ނުވަތަ މުހާމީ ކޯހުގެ ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ އިން ޝަރީއާ އެންޑްލޯ ނުވަތަ ޝާރީއާއިން ލޯއިން ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހަދާފައިވާ ފަރާތްތަކަށް ކަމަށް ގާނޫނީ ހިދުމަތުގެ ބިލުގައި މީގެ ކުރިން ވަނީ ބުނެފައެވެ.

ގާނޫނީ ހިިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ވަނީ ހުޅުވާލާފައެވެ. އެ ބިލު އޮތީ މިހާރު ކޮމިޓީ މަރުހަލާގައެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ގާނޫނީ ހިދުމަތުގެ ބިލާ ގުޅިގެން ގާނޫނީ ވަކީލުންނާއި އާންމުން ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލައި ސައުދީ އަރަބިއާއާއި އެނޫންވެސް އިސްލާމީ ގައުމުތަކުގައި ގާނޫނީ ވަކީލުންގެ ކަންތައް ތަންޒީމު ކުރަމުންދާ ގާނޫނުތައް ދިރާސާކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.

އެ ކަންތަކަށް ރިއާޔަތް ކުރުމަށްފަހު، ގާނޫނީ ހިދުމަތުގެ ބިލު ފާސްވާއިރު ހަމައެކަނި ޝަރީއާ އިސްލާމިއްޔާ ކިޔަވާފައިވާ ފަރާތްތައްވެސް ހިމެނޭގޮތަށް ރާއްޖޭގައި މިހާރު ވަކާލާތު ކުރަމުގެ ހުއްދަ އޮތް އެންމެހާ ފަރާތްތަކުގެ ހުއްދަ އިތުރު ކަމެއް ފުރިހަމަކުރުމަކާ ނުލާ ދެމިއޮންނާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް