ކެނެޑާއިން ވާވޭގެ ސީއެފްއޯ ހައްޔަރުކޮށްފި

ކެނެޑާއިން ވަނީ ވާވޭގެ ސީއެފްއޯ މެންގެ ވަންޖޯ ހައްޔަރުކޮށްފަ -- ފޮޓޯ: އީޕީއޭ

އޮޓަވާ (ޑިސެމްބަރު 6): ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޖޯ ކެނެޑާއިން ހައްޔަރުކޮށްފި އެވެ.

ކެނެޑާގެ ޖަސްޓިސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން މެންގް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ވެންކޫވާއިންނެވެ.

އަދި މެންގް އެމެރިކާއާ ހަވާލު ކުރަން އެގައުމުން އެދިފައިވާ ކަމަށާއި، ކަފާލާތުގެ ދަށުން މެންގް ދޫކޮށްލުމާ ބެހޭ ގޮތުން މާދަމާ ކޯޓުގައި އަޑު އެހުމެއް ބާއްވާނެ ކަމަށް އެބަޔާނުގައި ވެ އެވެ.

މެންގް ހައްޔަރު ކުރި ސަބަބު ކެނެޑާއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ވާވޭއިން ހިލާފުވި ކަމުގެ ތުހުމަތުގައި އެކުންފުނި ތަހުގީގު ކުރަމުންނެވެ.

ވާވޭއިން ވަނީ މެންގްގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައިވާކަން އެނގިފައި ނުވާ ކަމަށާއި އެކުންފުނިން އަމަލު ކުރަނީ ހުރިހާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބުނެފަ އެވެ.

އަދި ކެނެޑާގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ މެންގް ދޫކޮށްލަން ގޮވާލާފަ އެވެ.

ވާވޭގެ ބޯޑުގެ ޗެއާމަންކަންވެސް ކުރާ މެންގްގެ ބައްޕަ، ރެން ޖެންގްފެއިއަކީ އެކުންފުނީގެ ބާނީ އެވެ.

comment ކޮމެންޓް