ޚާޝުގްޖީގެ މަރުގެ ޖަރީމާއާ ގުޅިގެން ތުރުކީން ދެ އަމުރެއް ނެރެފި

އަސީރީ --

އިސްތަންބޫލް (ޑިސެމްބަރު 6) : އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި އެގައުމުގެ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެވޭ ސައޫދީ އިސް ދެ މަސްއޫލުވެރިން ކަމަށްވާ ސުޢޫދުލް ގަހްތާނީ އާއި ބްރިގޭޑިޔަރ އަހުމަދުލްއަސީރީ ހައްޔަރު ކުރުމުގެ ދެ އަމުރެއް އިސްތަންބޫލްގެ ޕްރޮސެކިއުޓަރ ޖެނެރަލް ނެރުއްވައިފިއެވެ.

ތުރުކީވިލާތުގެ ދެ މަސްއޫލުވެރިއަކު ވިދާޅުވީ ސައޫދީ އިސް މަސްއޫލުވެރިންގެ އަމުރަށް ޚާޝުގްޖީ އަވަހާރަކޮށްލުމުގެ ޖަރީމާ އަމަލީގޮތުން ހިންގުމުގައި އިސްކޮށް އުޅުއްވީ ގަހްތާނީ އާއި އަސީރިކަން ކަށަވަރު ކުރެވޭވަރުގެ ހެކި އިސްތަންބޫލްގެ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ލިބިފައިވާ ކަމަށާއި ޕްރޮސެކިއުޓަރ ގެ އަމުރާއެކު އެދެމީހުން ތުރުކީއާ ހަވާލުކުރުމަށް ތުރުކީގެ ޝަރުޢީ ދާއިރާއިން ސައޫދީ ސަރުކާރުގެ ކިބައިން އެދޭނެކަމުގައެވެ.

ގަހްތާނީ އަކީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިންސަލްމާންގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާއަކީ ސައޫދީ ރަސްކަމުގެ ދީވާނުގެ މުސްތަޝާރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ބްރިގޭޑިޔަރ އަހުމަދުލްއަސީރީ އަކީ ސައޫދީ ޖާސޫސީ އިދާރާގެ ނައިބެވެ. ނަމަވެސް ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާގެ ތުހުމަތު ތަކާއެކު މިދެބޭފުޅުން މަގާމުން ދުރުކޮށް ސައޫދީ ސަރުކާރުންވަނީ އެދެބޭފުޅުން ހައްޔަރުކޮށްފައެވެ.

ތުރުކީން މިހެން ބުނެފައި މިވަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ ގެ ވެރިޔާ ޖެނާ ހެސްޕެލް ޚާޝުގްޖީގެ މަރާބެހޭގޮތުން އެމެރިކާގެ ސެނެޓްގެ މެންބަރުންނަށް ދެއްވި މައުލޫމާތާއެކު އެޖަރީމާގެ ފަހަތުގައި ހުންނެވީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ކަން ސެނެޓްގެ އިސް މެންބަރުންނަށް ކަށަވަރުވެފައިވަނިކޮށް ކަމަށް ރޮއިޓާސް ބުނެއެވެ. ސީއައިއޭ ގެ ވެރިޔާ ވަނީ މިކަމާބެހޭ ވަރަށް ސިއްރު މައުލޫމާތުތަކެއް ސެނެޓްގެ ކަމާބެހޭ ކޮމިޓީގެ މެންބަރުންނަށް ދެއްވާފައެވެ.

އަނެއްކޮޅުން އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކޮމިޝަނަރަރ މިޝައިލް ޕެޝިލޭ ވަނީ ޚާޝުގްޖީގެ މަރުގެ މައްސަލަ ބައިނަލްއަގްވާމީ ގޮތުން ތަހްގީގް ކުރުމަށް ގޮވާލައްވާފައެވެ.

ސައޫދީ ސަރުކާރުންވަނީ ޚާޝުގްޖީގެ މަރާ ގުޅުން ހުރި އެއްވެސް މީހެއްގެ ޝަރީއަތް ހިންގަން ތުރުކީ އަށް ނުފޮނުވާނެ ކަމަށް ބުނެފައެވެ ސައޫދީ ސަރުކާރުން ފުރަތަމަ ވަނީ ޚާޝުގްޖީގެ މަރަށް އިންކާރުކޮށްފައެވެ. ނަމަވެސް ތުރުކީއާއި ބައިނަލްއަގްވާމީ ފިއްތުންތައް މިމައްސަލާގައި ސައޫދީ ސަރުކާރަށް އަމާޒުވުމުން ސައޫދީ ސަރުކާރުންވަނީ މިކަމަށް އިޢުތިރާފްވެ އެއްބަސްވެފައެވެ. ނަމަވެސް ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ދައުރެއް މިޖަރީމާގައި ނެތްކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ. (ރޮއިޓާސް)

comment ކޮމެންޓް