މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިރާގުން 200،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
މުއާސަލަތީ ކުންފުނި، ދިރާގުން ބުނި ގޮތުގައި މިއަދުގެ ކާރިސާގައި ގެއްލުންވި މީހުންނަށް އެހީވުމަށް އެ ކުންފުނިން މިއަދު ވަނީ 200،000 ރުފިޔާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) ހަދިޔާކުރަން ނިންމައިފައިވާ ކަމަށެވެ.
Our thoughts and well wishes go out to the families affected by today’s flooding.
— Dhiraagu (@Dhiraagu) December 5, 2018
We have committed MVR 200,000 and Emergency Hotline facilities to National Disaster Management Centre to assist with the ongoing relief efforts. pic.twitter.com/xCyxX4WA97
މީގެ އިތުރުން އެންޑީއެމްސީގައި އެމަޖެންސީ ހޮޓްލައިންގެ ކަންކަން ހަރުދަނާ ކުރަން ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީޑިއާށް މައުލޫމަތު ދެއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިރޭ ވިދާޅުވީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެހީވެދިނުމަށް އިސްނެގީތީ ދިރާގަށް ޝުކުުރުއަދާ ކުރައްވާކަމަށެވެ. އަދި ދިރާގުން ވެދިން އެހީތެރިކަން ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން އެހީދިނުމުގެ ބޭނުމަކީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ އަތެއް ދިއްކުރުން ކަމަށެވެ. އަދި ހާލުގައި ޖެހުނު އާއިލާތަކާ އެކު ދިރާގުން ތިބިކަން ހާމަކުރައްވައި ހަމްދަރުދީ ފާޅުކުރެއްވިއެވެ.
މިއަދު މާލޭ ސަރަހައްދަށް ކުރި ވިއްސާރާއިގައި، ބައެއް ގެ ތަކަށް ފެންވަދެ ކަރަންޓް ވަނީ ކެނޑިފައެވެ. އަދި ދެ ގެއަކުން މީހުންވެސް ބަދަލު ކުރަން ޖެހުނެވެ.