އިންޑިއާއިން ރާއްޖެއަށް ލޯނު ދެނީ ޗައިނާއާ ގުޅުން ކަނޑާލުމަށް ޝަރުތުކޮށް: ޗައިނާ

އިބޫ އާއި މޯދީ ބައްދަލު ކުރެއްވުން -- ފޮޓޯ: ޓްވީޓާ

އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދެނީ ޗައިނާއާ ގުޅުން ކަނޑާލަން ޝަރުތުކޮށްފައި ކަމަށް ޖަޕާނުގެ ނޫހަކާ ހަވާލާދީ ޗައިނާގެ ގްލޯބަލް ޓައިމްސްއިން ރިޕޯޓުކޮށްފި އެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއާ ގުޅުން އޮންނަ ގްލޯބަލް ޓައިމްސްގައިވާ ގޮތުން ނިކެއި އޭޝިއަން ރިވިއުއިން އެފަދައިން ރިޕޯޓުކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ އެވެ.

އެނޫހުގައިވާ ގޮތުން އިންޑިއާ އިން ދަނީ، އެ ގައުމާ އެކު ރާއްޖެ އިން ސަލާމަތީ ގުޅުންތައް ވަރުގަދަކުރުމުގެ ބަދަލެއްގެ ގޮތުން ރާއްޖެއަށް އިންޓްރެސްޓު ކުޑަ ލޯންތަކެއް ދިނުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އަދި އެލޯންތައް ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމީކޮށް ބޭތިއްބުމާއި ޗައިނާއާ ގުޅުން ކަނޑާލުން ހިމެނެ އެވެ.

ގްލޯބަލް ޓައިމްސްގައިވާ ގޮތުން އިންޑިއާ އިން ބޭނުންވަނީ ރާއްޖެއަށް އެހީތެރިވުމުގެ ބަދަލުގައި، ޗައިނާއިން ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ރާއްޖެ ފަދަ ގައުމުތަކުގަށް ވާ އެހީއާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެއްދުމެވެ. އަދި ރާއްޖޭގައި އިންޑިއާގެ ނުފޫޒު އިތުރު ކުރުމެވެ.

އެނޫހުން އިތުރަށް ބުނާ ގޮތުގައި، އިންޑިއާ އިން ބޭނުން ވަނީ އެގައުމާއި ޗައިނާގެ ތެރެއިން ކޮންމެވެސް އެއް ގައުމެއް ހިޔާރު ކުރުމަށް ރާއްޖެއަށް މަޖުބޫރު ކުރުވުމެވެ. އޭގެ ނަތީޖާއަކަށް ވާނީ، އިންޑިއާ ކަނޑަށް އަތްގަަދަ ކުރަން ބޭނުންވާ ގައުމަކަށް ރާއްޖެ ދަރަނިވެރިވުން ކަމަށް އެނޫހުގައިވެ އެވެ.

ރާއްޖޭގެ ދަރަނި އަދާ ކުރުމަށް އެހީވުމުގެ ގޮތުން އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލުއި ލޯން ދިނުމަށް ނިންމާފައިވާ ކަމަށް ފުރަތަމަ ރިޕޯޓު ކުރީ އިންޑިއާގެ ނޫސްތަކުންނެވެ. އެނޫސްތަކުން ވެސް ވަނީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ހުއްދަ ދިނުމަށް އެއްބަސްވުމުގައި ޝަރުތު ކުރި ކަމަށް ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި ގާއިމުކުރުމަށް ދިވެހި ސަރުކާރުން ހުއްދަ ނުދޭނެ ކަމަށް ބުނެފަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީއަކުން ވަކި އެއްޗެއް ނުބުނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވައިފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ އިންޑިއާ އާއި އެހެން އަވަށްޓެރި ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް