ވަޓްފޯޑް ބަލިކޮށް ސިޓީއިން ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި

ސިޓީ ވަނީ ތާވަލްގެ އެއްވަނައިގެ ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައި---

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ވަޓްފޯޑްގެ މައްޗަށް ކާމިޔާބު ހޯދާ މެންޗެސްޓާ ސިޓީ ފަސް ޕޮއިންޓްގެ ލީޑެއް ނަގައި ތާވަލްގެ އެއްވަނަގައި ހަމަޖެހިލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީ ވަޓްފޯޑްގެ މައްޗަށް ކުރި ހޯދީ 2-1 ލަނޑުންނެވެ.

ރޭގެ މެޗު ފަށައިގެން މުޅިންހެން ޑޮމިނޭޓު ކުރީ ސިޓީންނެވެ. އެ ޓީމުން ވަނީ ފުލުފުލުގައި ހަމަލާތައް އުފައްދައި ވަޓްފޯޑްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް ވަޓްފޯޑުގެ ގޯލްކީޕަރު ފްރޭޒާ ފޯސްޓާގެ ކުޅުން ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ސޭވްތަކެއް ކޮށްފައެވެ.

ފުރަތަމަ ހާފް ނިމެން ފަސްވަރަކަށް މިނެޓްވެފައި ވަނިކޮށް ސިޓީއަށް ލީޑު ނަގައިދިނީ ސާނޭއެވެ. ސާނޭ ގޯލުޖެހީ މާރޭޒްގެ ހުރަހަކުންނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ސިޓީއިން ލީޑު ފުޅާކުރިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މާރޭޒްއެވެ. 2-0 އިން މެޗު ނިމެން ދަނިކޮށް މެޗުގެ 85 ވަނަ މިނެޓުގައި ވަޓްފޯޑްގެ ޑަކޯރޭ ވަނީ ލަނޑެއް ޖަހާފައެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މެޗަށް ފަހު ބުނީ މެޗު އުނދަގޫވީ ފަސޭހަކޮށްލުމުން ކަމަށާއި މި މޮޅަކީ ސިޓީއަށް ހައްގު މޮޅެއް ކަމަށެވެ. ކޯޗު ބުނީ ވަޓްފޯޑުން ޕްރެޝަރުކުރި ނަމަވެސް ކުޅުންތެރިން އެކަމަށް ކުރިމަތިލީ ވަރަށް ކެރިގެންކަމަށެވެ.

ތާވަލްގެ ދެވަނައިގައި ލިވަޕޫލް 36 ޕޮއިންޓާއެކު އޮތްއިރު ތާވަލްގެ އެއްވަނަ ސިޓީއަށް ލިބެނީ 41 ޕޮއިންޓާއެކުއެވެ. ތާވަލްގެ ތިންވަނައިގައި އޮތީ 31 ޕޮއިންޓާއެކު ޗެލްސީއެވެ.

comment ކޮމެންޓް