ޖަޕާނުން ރާއްޖެ އަށް 41 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ސޮއިކޮށްފި

ރާއްޖެއަށް ހިލޭ އެހީ ދިނުމުގައި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާނު ސަރުކާރުން ރާއްޖެއަށް 41 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އެ އެބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އެއް ދުވަހުގެ ދަތުރުފުޅަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭގެ ހާއްސަ މުސްތަޝާރު ކެންޓާރޯ ސަނޫރާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަޕާނުން ރާއްޖެއަށް 41 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމާފައި ވަނީ، ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަަށް ބޭނުން ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި އެ ފައިސާ ބޭނުން ކުރާނީ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން، ކަނޑަށް ތެޔޮ އެޅުން ހުއްޓުވުމުމުގެ މަސައްކަތްތަކަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިއަދު މިނިސްޓަރު ޝާހިދު އާއި ކެންޓާރޯ ސަނޫރާ ވަނީ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

comment ކޮމެންޓް