މާފަރު އަތުން އެއްވަރުވެ ލަންދޫއަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ލަންދޫ އާއި މާފަރު އިއްޔެ ބައްދަލު ކުރި މެޗުގެ ތެރެއިން--

ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގައި އިއްޔެ މާފަރާ ދެކޮޅަށް ނުކުމެ ޕޮއިންޓަކުން ފުއްދާލަން އެންމެ ފަހުގެ ރަނަރަަޕް ލަންދޫއަށް ޖެހިއްޖެއެވެ.

މޮޅަކާ އެކު މުބާރާތުގެ ފެށުން ރަނގަޅު ކުރި ނަމަވެސް ލަންދޫ އިއްޔެ ވަނީ މާފަރު އަތުން 1-1ގެ ނަތީޖާއިން އެއްވަރުވެފައެވެ. މެޗުގެ ދެ ގޯލުވެސް ފެނިގެން ދިޔައީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ.

ފުރަތަމަ ގޯލު ޖެހީ ލަންދޫއިންނެވެ. 80 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު 23 ހުސެއިން ޖަވާދު އެވެ. އޭގެ ނުވަ މިނެޓު ފަހުން މާފަރަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ޖާޒީ ނަމްބަރު 13 އަހްމަދު ހަބީބެވެ. މެޗުގެ މޭން އޮފް ދަ މެޗް ކަން ހޮދީ ލަންދޫގެ ޖާޒީ ނަމްބަރު 69 އަހްމަދު އަފްސަލް އެވެ.

މުބާރާތުގެ ގްރޫޕް ބީގައި ވެލިދޫ ލަންދޫ އަދި މާފަރު ދެ މެޗު ކުޅެފައިވާ އިރު ހޮޅުދޫ އަދި ކުޑަފަރި ކުޅެފައި ވަނީ އެއް މެޗެވެ. އިއްޔެގެ ނަތީޖާއާ އެކު މިހާރު ލަންދޫ އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނައިގައެވެ.

ގްރޫޕް ބީ

 • ލަންދޫ (4 ޕޮއިންޓު)
 • ހޮޅުދޫ (3 ޕޮއިންޓު)
 • ކުޑަފަރި (3 ޕޮއިންޓު)
 • މާފަރު (1 ޕޮއިންޓު)
 • ވެލިދޫ (0 ޕޮއިންޓު)

ގްރޫޕް އޭ

 • މިލަދޫ (6 ޕޮއިންޓު)
 • ކެނދިކުޅުދޫ (4 ޕޮއިންޓު)
 • ހެނބަދޫ (3 ޕޮއިންޓު)
 • މަނަދޫ (3 ޕޮއިންޓު)
 • މާޅެންދޫ (1 ޕޮއިންޓު)
 • މަގޫދޫ (0 ޕޮއިންޓު)

މުބާރާތުގައި މިއަދު ބައްދަލު ކުރާނީ ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ މަނަދޫ އާއި ކެނދިކުޅުދޫ އެވެ. ކެނދިކުޅުދޫ އަކީ މި އަހަރުގެ މުބާރާތް ބާއްވާ ރަށެވެ.

comment ކޮމެންޓް