ހަމަ އެކަނި ޝަރީއާ ކިޔަވައިގެން ވަކީލުކަން ނުކުރެވޭ ގޮތް ހަދަނީ!؟

ބައެއް ވަކީލުން ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން ---

ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރާ އިރު ހަމަ އެކަނި ޝަރީއާ ކިޔަވައިގެން ވަކީލުންނަށް ނުވެވޭ ގޮތަށް "ގާނޫނީ ހިދުމަތުގެ ބިލު" އެކުލަވާލާފައި އޮތުމުން ބައެއް ގާނޫނީ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ. ގާނޫނީ ހިދުމަތުގެ ބިލަކީ ބާ އެސޯސިއޭޝަނެއް އުފެއްދުމާއި އެ އެސޯސިއޭޝަނަށް ވަކީލުންނާ ބެހޭ ހުރިހާ ބާރުތަކެއް ދޭ ގޮތަށް އެކުލަވާލާފައިވާ ބިލެކެވެ.

އެ ބިލު ގާނޫނަކަށް ވުމުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޭނީ ބާ އެސޯސިއޭޝަނުން ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ. ބިލުގައި ވަނީ ވަކީލު ކަމުގެ ހުއްދަ އާ ކުރުމާއި ދެމި އޮންނާނެ ގޮތް ބަޔާންކޮށް ވަކި ޝަރުތުތަކެއް ލިޔެފައެވެ. އެގޮތުން ވަކީލު ކަމުގެ ހުއްދަ އާ ކޮށްދޭނީ ގާނޫނީ ވަކީލު ކަމުގެ ސަނަދު ނުވަތަ މުހާމީ ކޯހުގެ ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ އިން ޝަރީއާ އެންޑްލޯ ނުވަތަ ޝާރީއާއިން ލޯއިން ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހަދާފައިވާ ފަރާތްތަކަށް ކަމަށް ގާނޫނީ ހިދުމަތުގެ ބިލުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ ނުވަތަ މިހާރު އިސްލާމީ ޔުނިވަސިޓީން ހަމަ އެކަނި ޝަރީއާ ކިޔަވައިގެން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހޯދާފައިވާ ފަރާތްތައްވެސް ވަކީލުންގެ ދަފްތަރުގައި ތިބެއެވެ.

ބައެއް ގާނޫނީ ވަކީލުން ---

އެ ވަކީލުންނަށް ޖެހޭނީ ގާނޫނީ ހިދުމަތުގެ ބިލު ފާސްވެ ގާނޫނަކަށް ވާ ފަހުން ތިން އަހަރު ދުވަހުގެ ތެރޭގައި ބާ އެސޯސިއޭޝަނުން އެކްރެޑިޓް ކޮށްފައިވާ ކަރިކިއުލަމަކާ އެއްގޮތަށް ގާނޫނީ ވަކީލު ކަމުގެ ފުރަތަމަ ޑިގްރީ ހާސިލް ކުރާށެވެ. އެނޫން ނަމަ އެމީހުންގެ ވަކީލު ކަމުގެ ހުއްދަ ބާތިލުވާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

އަދި އެ ބިލު ފާސް ވެގެން ދެން އެއްވެސް ފަރާތަކަށް ވަކީލު ކަމުގެ ހުއްދަ ލިބޭނީ ޝަރީއާއިން ލޯއިން ޑިގްރީ ނުވަތަ އެލްއެލްބީ ފުރިހަމަ ކުރުމުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިހާރު އޮންނަނީ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ގަވާއިދެކެވެ. އެ ގަވާއިދުގައި ވާ ގޮތުން ހަމަ އެކަނި ޝަރީއާއިން ޑިގްރީއެއް ހާސިލް ކޮށްފައި އޮތް މީހަކަށް ވިޔަސް ވަކީލުކަން ކުރުމުގެ ހުއްދަ ދެވޭނެއެވެ.

ޝަރީއާ އެކަނި ކިޔެވިޔަސް ވަކީލުކަން ކުރެވެން ޖެހޭ

ވަކީލުންނަށް ހުއްދަ ދިނުމާއި ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން އެގޮތަށް ލިޔެފައި އޮތުމުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހާއްސަކޮށް ޝަރީއާ އެކަނި ކިޔަވައިގެން ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުން ބުނަމުން ދަނީ ހަމަ އެކަނި ޝަރީއާ ކިޔަވައިގެން ގާނޫނީ ވަކީލުކަން ކުރެވޭ ގޮތަށް އޮންނަން ޖެހޭ ކަމަށެވެ.

ޝަރީއާ ކިޔަވައިގެން ވަކީލުކަން ކުރާ ފަރާތަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޝަރީއާ ކިޔަވައިގެން ގާޒީކަން ކުރެވޭ ކަމަށެވެ. އެހެންވީ ޝާރީއާ ކިޔަވައިގެން ވަކާލާތު ނުކުރެވެންވީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

"ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއްގައި ރާއްޖޭން ބޭރުން ހަމައެކަނި ލޯ ކިޔަވައިގެން އައިސް ވަކާލާތު ކުރެވޭއިރު ޝަރީއާ ކިޔެވުމުން ވަކާލާތު ނުކުރެވެން ވީ ކީއްވެ؟ ބާ އެސޯސިއޭޝަންގެ ގާނޫނު އިސްލާހު ކުރޭ." އެ ވަކީލު ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

ވަކީލު އަޒްމީން ރަޝީދު ވިދާޅުވީ، ގާނޫނީ ހިދުމަތުގެ ބިލު އެކުލަވާލާފައިވަނީ ވަކި ބައެއްގެ ހައްގުތައް ގެއްލުވާލުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޝަރީއާ އެކަނި ކިޔަވައިގެން ވަކީލުކަން ނުކުރެވޭނެ ކަމަށް ބުނެފައިވާއިރު ލޯ އެކަނި ކިޔެވިޔަސް ވަކީލުކަން ކުރެވޭ ގޮތަށް ބިލުގައި ބަޔާން ކޮށްފައިވުމަކީ އަޒްމީންގެ ކަންބޮޑުވުމެކެވެ.

"ކޯޓުތަކުގެ ގާނޫނުގެ ތިން ވަނަ މާއްދާގައި ޝަރީއަތް ކުރުމާ ބެހޭ މަސްދަރުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ބަލާ ހުރިހާ މައްސަަލަތަކެއްވެސް ނިންމަންވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާންވެފައި ވީއިރު ޝަރުއީ ކޯޓުގައި ޝަރުއީ އެއްވެސް މާއްދާއެއް ޝަރުއީ އެއްވެސް ތައުލީމެއް ހާސިލު ނުކުރާ ފަރާތްތަކަށް ވަކާލާތު ކުރެވި ވަކާލާތު ކުރުމުގެ ހުއްދަ ލިބި މި ބިލުގެ ދަށުން ހުއްދަ ދެމިގެންދާއިރު ޝަރީއާއިން ތައައްސުސު ވެފައިވާ އެއްވެސް ވަކީލަކަށް އެފުރުސަތު ނެތްކަން ހިތާމަޔާއެކު ފާހަގަކުރަން." ވަކީލު އަޒްމީން ވިދާޅުވިއެވެ.

ބައެއް ގާނޫނީ ވަކީލުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަދި މީގެ ކުރިން ހުއްދަ ދީފައިވާ ވަކީލުންގެ ހުއްދަ އަލަށް ހަދާ ގާނޫނެއްގައި ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަ ނުކޮށްގެން ވާގޮތަށް އޮތުމަކީ ފަހުން ހަދާ ގާނޫނަކުން ކުރިން ކުރެވިފައިވާ ކަންކަމުގެ މައްޗަށް ތަތުބީގުވުން ކަމަށްވެސް އަޒްމީން ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ގިނަ ކަންކަން އަޒްމީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެލްއެލްބީއަށް ކިޔަވަން ރާއްޖޭގައި ހަތަރު އަހަރު ހޭދަކުރަން ޖެހޭއިރު ޝަރީއާ ކިޔަވައިގެން ތިބި ވަކީލުން ތިން އަހަރުން ޝަރީއާ އެންޑް ލޯ ޑިގްރީ ކޯސް ހަދަން ބިލުގައި ލިޔެފައި އޮތުމަކީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށްވެސް އަޒްމީން ވިދާޅުވިއެވެ.

ގާނޫނީ ހިިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ވަނީ ހުޅުވާލާފައެވެ. އެ ބިލު އޮތީ މިހާރު ކޮމިޓީ މަރުހަލާގައެވެ.

comment ކޮމެންޓް